މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ބާއްވާއިރު މާބޮނޑި، ފިނިފެންމާ، ޗޮކްލެޓް ފަދަ ތަކެތި ނުދިނުމަށް ޖެންޑާ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފިއެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ސޮއިކުރައްވާ މިދިޔަ މަހުގެ 27 ގައި ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވާއިރު ބައެއް ކަންކަމަށް ސަމާލުވާން އަންގާފައެވެ.

މިގޮތުން މަރުހަބާ ކިޔަން ރަތް ދޫލަ އެޅުމާއި މާބޮނޑި ދިނުމާއި ފިނިފެންމާ ދިނުމާއި ޗޮކްލެޓް ދިނުމާއި ކޭކުގެ އިތުރުން ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި ދިނުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ވަކި ޖިންސަކަށް ނިސްބަތްވާ ކަމަށް މުޖުތަމައުގައި ގަބޫލުކުރެވޭ ކުލަތައް (ފިޔާތޮށި ކުލަ) ބޭނުން ނުކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަން ދުވަހެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އަދި މި ދިވެހިރާއްޖޭގައި ވެސް މި ދުވަސް ފާހަގަ ކުރާއިރު މީގެ ކުރީގެ އަހަރުތަކުގައި އަންހެނުންނަށް މާބޮނޑި ދިނުމާއި މާދިނުމާއި އަދި ރަތް ދޫލައިގެ މަރުހަބާ ވަނީ ކިޔާފައެވެ.