ދުނިޔޭގެ އެކި ގައުމުތަކުގެ ބޭންކުތަކާއި ސްވިފްޓްގެ އިތުރުން ކާޑު ނެޓްވޯކުތަކުން ރަޝިއާ މެދު އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބީއެމްއެލްގެ ކާޑުތައް ވެސް އެ ގައުމުގައި ބޭނުން ނުކުރެވޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ ރަޝިއާ އާއި ޔޫކުރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ޕޭމަންޓް ސިސްޓަމަށްވެސް އޭގެ އަސަރުކޮށްފައިވާ ކަމަށާއި ގައުމުތަކުން އަޅަމުންދާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްގޮަތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ކާޑު ނެޓްވޯކު ތަކުން އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ.

ބީއެމްއެލް އިން ބުނީ ދުނިޔޭގެ އެކި ގައުމުތަކުންނާއި، ރެގިއުލޭޓްކުރާ އިދާރާތަކާއި، ބޭންކުތަކާއި ސްވިފްޓްގެ އިތުރުން ކާޑު ނެޓްވޯކުތަކުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރަޝިއާގެ އިތުރުން ފިޔަވަޅު އަޅާފައިވާ އެހެނިހެން ސަރަހައްދުތަކުގައި ބީއެމްއެލްއިން ދޫކޮށްފައިވާ ކާޑުތައް ކަސްޓަމަރުންނަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މިފަދަ ސަރަހައްދުތަކަށް ނިސްބަތްވާ ފަރާތްތަކުގެ ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުގެ މަރޗަންޓުންނަށް ފައިސާ ނުލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކާޑުގެ މުއާމަލާތްތަކާއި މަރޗަންޓް ހިދުމަތްތަކުގެ އިތުރުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި ބޭރުން ފައިސާ ގެނައުމުގެ ހިދުމަތަށްވެސް މި ފިޔަވަޅުތަކާއެކު ވަނީ އަސަރުކޮށްފައެވެ. މިގޮތުން ރަޝިއާގެ ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސަރަހައްދުގެ ބޭންކުތަކަށް ޓީޓީ ފޮނުވުމުގައި ވެސް އިތުރު ވަގުތު ހޭދަވުން ނުވަތަ ޓީޓީ ނުފޮނުވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.