ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހަދާ ޑޮލަރުގެ މުއާމަލާތްތަކާއި ޓްރާންސްފާތަކަށް ދިމާވެފައިވާ ލަސްތައް ހައްލުކުރެވި، އަންނަ ހަފުތާ ނިމެންވާއިރަށް އެ މުއާމަލާތްތައް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން މިހެން ބުނެފައިވަނީ، ރުފިޔާ އެކައުންޓްތަކުން ޑޮލަރު ވިއްކައިގެން ރާއްޖެއިން ބޭރުވާ ފައިސާގެ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 33.33 ޕަސެންޓް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ބޭންކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. އަދި އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މި ނިސްބަތުން ކުރިއަށްދާނަމަ މިއަހަރު ނިމޭއިރު ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
މަހެއްގެ މައްޗަށް މައިގަނޑު ދާއިރާތަކަށް ޑޮލަރު ދޫކުރެވުނު ނިސްބަތް:
- ޑެބިޓް އަދި ކްރެޑިޓް ކާޑު މުއާމަލާތްތަކަށް: 38 މިލިއަން ޑޮލަރު
- ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) އަށް: 27 މިލިއަން ޑޮލަރު
- ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް: 9.4 މިލިއަން ޑޮލަރު
- ސިއްޙީ އަދި ތަޢުލީމީ ބޭނުންތަކަށް: 7.3 މިލިއަން ޑޮލަރު
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު، މި މިންވަރަށް ރުފިޔާއިން ޑޮލަރު ވިއްކައިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. ހާއްސަކޮށް ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑުވާ އެއް މަސް ކަމަށްވާތީ މިކަމުގެ ސަބަބުން ބޭންކަށް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.
ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވުމާ ގުޅިގެން ވޭތުވެދިޔަ ދެ ހަފުތާގައި ޓީޓީ އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޑޮލަރުގެ މުއާމަލާތްތަކަށް ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. ނަމަވެސް، ޑޮލަރުގެ ހަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ދާދި ފަހުން އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފެށުމުން، ޑޮލަރުގެ އައުމާއި ދިޔުން އެއްހަމައެއްގައި ހިފެހެއްޓުމަށް ވަނީ އެހީތެރިވެދީފައެވެ.
ބީއެމްއެލްއިން ބުނީ މި އެޅި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތަކާއި ޓްރާންސްފާތައް ހެދުމުގައި ހޭދަވާ ވަގުތު އާންމު ހާލަތަކަށް ގެނެވޭނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ބޭންކުގެ ރަސްމީ ވަސީލަތްތަކުން ހިއްސާކުރަމުންދާނެ ކަމަށްވެސް ބުންޏެވެ.
ބީއެމްއެލްއަކީ މާލީ ގޮތުން ނުހަނު ހަރުދަނާ ބޭންކެއްކަން ފާހަގަކުރަމުން ބޭންކުން ބުނީ، މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއް ކަމަށެވެ. އަދި ކަސްޓަމަރުންނާއި މުޅި އިގްތިސާދުގެ މަސްލަހަތު ހިމާޔަތްކުރުމަށް އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފައެވެ.
