ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދިވެހި ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، ބޭންކުގެ މާލީ ހާލަތު އޮތީ ނުހަނު ވަރުގަދަކޮށް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލް އިން މިކަން ސާފުކޮށްދީފައި މިވަނީ، ސަރުކާރުން ދެއްކި އެ ފައިސާއަކީ އެ ބޭންކުން ފޯރުކޮށްދިން ޑޮލަރު ލިކުއިޑިޓީއެއް ކަމަށާއި، އޭގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. ބީއެމްއެލް އިން ބުނީ އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ކަމަށެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ކަށަވަރުކޮށްދީފައިވާ ފަދައިން، މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެސްބީއައި އަށް ދެއްކި 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ހަމަޖެއްސި ފައިސާއެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި އެއްކޮށް ޚަލާޞްކުރުމަށް ދެއްކި ފަހު ފިޔަވަހީގެ ފައިސާއެވެ. އަދި މި މުއާމަލާތަށް ކަސްޓަމަރުންގެ އެއްވެސް ޑިޕޮސިޓެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބީއެމްއެލް އިން ވަނީ ދީފައެވެ.
ގައުމީ ބޭންކުން ފާހަގަކުރި ގޮތުގައި، ބީއެމްއެލް ހިންގަމުންދަނީ ހަރުދަނާ ގަވަނަންސް އާއި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ އިތުރުން، މާލީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ބޭންކުގެ ލިކުއިޑިޓީ އާއި ކެޕިޓަލް އަދި މުޅި މާލީ ހާލަތު ބޯޑާއި މެނޭޖްމަންޓުން އަބަދުވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ކަސްޓަމަރުންނަށް އަދާކުރަންޖެހޭ އެންމެހައި ޒިންމާތައް ފުރިހަމައަށް އަދާކުރުމުގެ މާލީ ގާބިލުކަން ބޭންކުގައި އެބައޮތް ކަމަށް ވެސް ބުނެފައިވެއެވެ.
މާލީ ނިޒާމާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ކަސްޓަމަރުންނާއި، ވިޔަފާރިވެރިން އަދި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، މުޅި އިގްތިސާދަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމެކެވެ. އެހެންކަމުން، ބޭންކުގެ މާލީ ހާލަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރުމުގެ ކުރިން، ރަސްމީ އިދާރާތަކުން އޭގެ ސައްހަކަން ކަށަވަރުކުރުމަށް ސިޔާސީ ފަރާތްތަކަށާއި މީޑިއާތަކަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ބޭންކުގެ އަގުވައްޓާލައި ގެއްލުންދޭން މަސައްކަތްކުރާ ފަރާތްތަކާ މެދު، ކަސްޓަމަރުންނާއި ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން ގާނޫނީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ބޭންކަށް ލިބިގެންވާ ކަމަށްވެސް ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.
