އެސްޓީއޯ ޕީޕަލްސް ޗޮއިސް އެޖެންޓުން ތައާރަފްކޮށް، އެ ފަރާތްތަކަށް އެކަމުގެ ލިއުން ހަވާލުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، އެ ކުންފުނިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އެޖެންޓުން ހޯދުމަށް ހުޅުވާލި ހުޅުވާލުމަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ.

އެ ފުރުސަތު ހުޅުވާލިއިރު، އެސްޓީއޯއިން އެތެރެކުރާ ބްރޭންޑްތަކުގެ މުދާ ރަށްރަށަށް ފޯރުކޮށްދިނުމަށްޓަކައި 136 އެޖެންޓުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެސްޓީއޯއިން ވަނީ އެޖެންޓުންނަށް އެކަމުގެ ލިއުން ހަވާލުކޮށް، އެ ކުންފުނިން ވިއްކާ ބްރޭންޑްތަކާ ބެހޭ މައުލޫމާތު ދީފައެވެ.

އެސްޓީއޯއިން ބުނިގޮތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓު ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދަކީ އެ ކުންފުނިން އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ފަސޭހައިން ރަށްރަށަށް ލިބުމަށް މަގުފަހިކޮށްދީ، ރަށްރަށުގައި ކުރަމުންދާ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމެވެ.

އެ ކުންފުނިން ބުނީ، މިހާތަނަށް އެކި ރަށްރަށުގައި އެސްޓީއޯ ސްޓޭޕަލް އެޖެންޓުންނާއި އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން ތިބިއިރު އެ ފަރާތްތަކަށްވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް މުދާ ވިއްކުމުގެ އެޖެންޓަކަށް ވެވިދާނެ ކަމަށެވެ. ރާއްޖޭގައި ކާޑު އެޖެންޓުންގެ ގޮތުގައި 256 މީހުން އެބަ ތިއްބެވެ. އަދި ކޮންސްޓްރަކްޝަން އެޖެންޓުންގެ ގޮތުގައި 56 މީހުން އެބަ ތިއްބެވެ.