ފެނަކަ ކޯޕަރޭޝަނަކީ ސަރުކާރުން ރާއްޖެއަށް ގެންނަން ބޭނުންވާ ގައުމީ ތަރައްގީ ގެނައުމުގެ ވަރަށް މުހިއްމު ޕާޓްނަރެއްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިން އެންޑް ރިސާޗުން ހިންގި އިންޖީން ރިޕެއާ އެންޑް މެއިންޓެނެންސް ކޯސް(ފުނަރު ޕްރޮގްރާމް) ނިންމާ ދަރިވަރުންނަށް ސެޓެފިކެޓު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްވަމުން މިނިސްޓަރު ވިދާޅުވީ ރޭ ސަނަދު ލިބިގެންދިޔަ އެޕްރެންޝިޕް ޕްރޮގްރާމަކީ ވަރަށް މުހިއްމު އިނީޝިއޭޓިވްއެއް ކަމަށާއި ފެނަކައަކީ ރާއްޖެއަށް ތަރައްގީ ގެންނަން ބޭނުންވާ ވަރަށް މުހިއްމު ހިއްސާދާރެއް ކަމަށެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކުރެވިފައިވާ ތަސައްވަރު ހާސިލް ކުރުމުގައި ފެނަކަ ވެގެން ދަނީ ވަރަށް މުހިއްމު ބައިވެރިއަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންނަށް ފާގަތި ތާހިރު ދިރިއުޅުމެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި ފެނަކަ އާދަޔާ ހިލާފު ރޯލެއް ކުޅެމުންދޭ. އެހެންވީމާ މިހުރިހާ ސަބަބުތަކަށްޓަކައި ފެނަކައާއި އަޅުގަނޑުމެންގެ އެންމެންނާއި މިވަނީ ގުޅިލާމެހިފައި. ފެނަކައިގެ އެމްޑީއާއި އަޅުގަނޑުމެންގެ މި އުއްމީދުތަކާއި މިވަނީ ގުޅިލާމެހިފައި.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މިނިސްޓަރު ވިދާޅުވީ އެޕްރެންޝިޕް ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ޒުވާނުން ތައްޔާރު ކުރުމަށްޓަކައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ޕްރޮގްރާމެއް ކަމަށެވެ.

ފެނަކަ އިންސްޓިޓިއުޓް އުފެދިގެން ދިޔައިރު، އެސްއޯއީތަކުން މިފަދަ އިންސްޓިޓިއުޓްތައް އުފައްދަނީ ކީއްކުރަންތޯ ގިނަ ބަޔަކު ސުވާލު އުފެދިކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ފުރުސަތު ފެނަކައަށް ދިނީ ފެނަކައިން ވަރަށް މުހިއްމު ދާއިރާއަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރާތީއާއި އަދި ވަރަށް މުހިއްމު ދާއިރާއަކުން މައުލޫމާތު ދިނުމުގެ ފުރުސަތު އޮތްކަން ގަބޫލު ކުރެއްވޭތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފެނަކައިން އެޕްރެންޝިޕް ޕްރޮގްރާމް މިހާ ފުރިހަމައަށް ކުރުމަކީ ވަރަށް ރަނގަޅު ވަރަށް ބޮޑު ތަޖުރިބާތަކެއް އެޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެ ކަމެއް ކަމަށެވެ.

އިންޖިނިއަރިން ކަހަލަ ދާއިރާއަކުން މަސައްކަތުގެ މާހަވްލުން މީހާ ނިކުންނަ އިރުގައި ޒަމާނީ މެޝިނަރީ ފެނުންއެކަށީގެންވޭ. ޒަމާނީ މެޝިނަރީގައި އަތްލަން ފުރުސަތުލިބުން. ފެނަކަ އިންސްޓްޓިއުޓުން ފޯރުކޮށްދޭ އެޕްރެންޝިޕް ޕްރޮގްރާމަކީ ހުރިހާ ގޮތަކުން ލާމަސީލު ޕްރޮގްރާމެކޭ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މިނިސްޓްރީގެ ވިސްނުމަކީ މަސައްކަތުގެ ދާއިރާއިން ހުނަރުވެރި ފަންނުވެރި ޒުވާނުން ބިނާކުރުމަށްޓަކައި ވީހާވެސް ގިނައިން ފުރުސަތުތައް ފަހިކޮށްދެއްވުން ކަމަށާއި އެކަން ކުރަން ތައްޔާރަށް ތިބި ކޮންމެ ބަޔަކާއި އެކު ވެސް ސަރުކާރުން މަސައްކަތް ކުރަން ތައްޔާރަށް ތިއްބެވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސްޓޫޑެންޓް ލޯނަކީ ވެސް އެ މަގުސަދުގައި ހުޅުވާލި ފުރުސަތުތައް ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާ އަދާކުރާއިރު އެންމެ މުހިއްމު ކަމަކީ އެ ވަޒީފާއެއްގެ އަހުލާގު ހިފެހެއްޓުން ކަމަށެވެ. ތިމާއަކީ ވަޒީފާގެ އަހުލާގު ނުހިފެހެއްޓޭ މީހެއްކަމަށްވާނަމަ ވަޒީފާގައި ކުރިއަށް ދިއުމަކީ ވަރަށް ނާދިރުކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިޒަމާނަކީ ކުޑަކުޑަ ތައުލީމަކާއި ތަމްރީނަކުން އަބަދު އެއް ވަޒީފާއެއްގައި ހުރުމުގެ ފުރުސަތު ފަހިވާނެ ޒަމާނެއް ނޫންކަމަށާއި އެހެންކަމުން ކޮންމެ ވަޒީފާއެއް އަދާކުރިކަމުގައި ވިއަސް އިތުރަށް އިލްމު ހޯދާ އިތުރަށް ތަމްރީނު ވުމުގެ ޝައުގުވެރިކަން ބެހެއްޓެވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް ލެވެލް ތިނެއްގެ ކޯސް ފުރިހަމަކުރި 23 ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ދީފައެވެ.

އެ ކޯސްތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އަށް ސަރަހައްދަކަށް އަމާޒުކޮށް އަށް ރަށެއްގައެވެ. އެއީ ށ. މިލަންދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ތ. ވިލިފުށި، ޏ. ފުވައްމުލައް، ދ. ކުޑަހުވަދޫ، ބ. އޭދަފުށި އަދި ސ. ހިތަދޫއެވެ.