ތެލުގެ އަގު ބޮޑުކުރިތާ ތިންވަނަ ހަފްތާ ހިނގަނިކޮށް އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ބޮޑުކޮށްފިއެވެ.

އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 13 ގައެވެ. އެ ދުވަހުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 12.98ރ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 13.04ރ އަށެވެ.

މިއަދު މި ގެނައި ބަދަލާއެކު، އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ވިއްކާ އަގުތަކަށް ވަނީ ބަދަލު އައިސްފައެވެ. އެހެންވެ، މިއަދުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދާނީ 14.60ރ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ގެންދާނީ 14.80ރ އަށެވެ

އެހެންކަމުން އޭގެ ކުރީ އަގަށް ވުރެ ޕެޓްރޯލްގެ އަގު 12 ޕަސެންޓު ބޮޑުވެފައި ވާއިރު، ޑީސަލްގެ އަގު 13 ޕަސެންޓު ބޮޑުވެފައި ވެއެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި ވަނިކޮށް، މިދިޔަ މަހުގެ ފަހުކޮޅު ރަޝިއާ އާއި ޔޫކްރައިނާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ހަލުވިކަމާއެކު އުފުލެމުން ދާ ކަމަށެވެ، އެހެންވެ އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބެނީ އަގުބޮޑުކޮށް ކަމަށާއި، އެހެންކަމުން އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެފްއެސްއެމްގެ ފިއުލް ސްޓޭޝަންތަކުން ތެޔޮ ލިބެމުން ދާނީ ބަދަލު ގެނެވިފައިވާ އަގުތަކުގައި ކަމަށެވެ.

ތެލުގެ އަގު އުފުލެމުން ދާތީ، އެސްޓީއޯއިން އަންނަނީ އެކުންފުނިން އެތެރެކުރާ ތެލުގެ އަގު ދޭތެރެއަކުން ބޮޑު ކުރަމުންނެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ފަސޭހަގޮތެއްގައި ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ކަމަށެވެ.