މަތީ ތައުލީމާއި ތަމްރީންގެ ދާއިރާ އިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް 1000 ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަން ލޯން ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލައިފައި ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެންނެވެ.

އެ މުއްދަތު މިއަދު ހަމަވިއިރު 1000 ދަރިވަރުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަތީ ތައުލީމާއި ތަމްރީންގެ ދާއިރާއިން އުނގެނުމަށް ހުޅުވާލި 720 ފުރުސަތުގެ ތެރޭގައި އަލަށް ކިޔަވަން ފަށާ ކުދިންނަށް ހާއްސަ 417 ފުރުސަތާއި މިވަގުތު ކިޔަވަމުންދާ ދަރިވަރުންނަށް 303 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިނިސްޓްރީން ބުނީ، މި ފަހަރު ލޯން ދޫކުރާ ސްކީމުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ ޖެނުއަރީ 1، 2022 ގެ ފަހުން ކިޔަވަން ފެށި ދަރިވަރުންނާއި އެ ތާރީހުން ފެށިގެން މިހާރު ކުޔަވަމުންދާ ދަރިވަރުންނަށް ކަމަށެވެ. މި އަހަރުގެ ލޯނު ސްކީމަށް ހުޅުވާލިއިރު ރާއްޖޭގައި މާސްޓާސް ކިޔަވާ ދަރިވަރުނަށް ލޯނަށް އެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

އމި އަހަރުގެ ލޯން ސްކީމަށް ހުޅުވާލާފައި ވަނީ ސްޓޫޑަންޓް އެޑްމިނިސްޓްރޭޝަން ފީ 3 ޕަސެންޓުން 1 ޕަސެންޓަށް ކުޑަކުރުމަށް ފަހުއެވެ.