ރާއްޖެ އެތެރެކުރާ ތެޔޮ ޓެސްޓުކޮށް، އެ ތެލުގެ ކޮލިޓީ ދެނެގަތުމުގެ ނިޒާމެއް ގާއިމް ކުރުމުގެ ގޮތުން، އެސްޓީއޯއިން ތެޔޮ ޓެސްޓުކުރާ ލެބެއް މިއަދު ހުޅުވައިފިއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ލެބު އިފްތިތާހު ކޮށްދެއްވާފައިވަނީ، އެސްޓީއޯގެ ޗެއާމަން ހާމިދު ނަޝީދު މުހައްމަދާއި ބޯޑު މެންބަރު އާމިނަތު ރުޝްމާއެވެ.

ތެޔޮ ޓެސްޓު ކުރުމުގައި މެދު އިރުމަތީގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ޖިއޯ ކެމް މިޑްލްއީސްޓް އާ ގުޅިގެން ހިންގާ މު ލެބުގެ ސަބަބުން ރާއްޖެއަށް އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކޮށް، ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރުމަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ތެލުގެ ސާމްޕަލް ޓެސްޓް ކުރުމަށް އެސްޓީއޯއިން ހުޅުވި ލެބްގައި ހުރި ބައެއް ސާމާނު / ފޮޓޯ: ދަ ޕްރެސް

ވަކިން ހާއްސަކޮށް އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރިޓެސްޓުކުރުމަށްޓަކައި ތެލުގެ ސާމްޕަލް ބޭރުގެ ގައުމުތަކަށް ފޮނުވުން ނިމުމަކަށް ގެނެސް، މާލީ ގޮތުންނާއި ވަގުތުގެ ގޮތުން ބޮޑެތި ލުއިތައް ލިބި، ހަރަދު ކުޑަ ކުރެވިގެން ދާނެ ކަމަށާއި، ރާއްޖެ އެތެރެކުރާ ޕެޓްރޯލާއި ޑީސަލްގެ ކީ ޕެރަމީޓާތައް ޓެސްޓު ކުރެވޭނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ހަރަދުކޮށްގެން ހުޅުވި މި ލެބު ބަލަހައްޓައި ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލްއީސްޓް ގެ ފަރާތުންނެވެ. ޖިއޯ ކެމް އާ ގުޅިގެން ހުޅުވި މި ލެބާ އެކު، ޖީސީސީ އެކްރެޑިޓޭޝަން ސެންޓަރު (ޖީއޭސީ) އިން މި ލެބަށް އައިއެސްއޯ އާއި އައިއީސީ 17025:2017 އެކްރެޑިޓޭޝަން ލިބިގެންދާނެއެވެ. އެހެންކަމުން މި ލެބުން ދޫކުރާ ޓެސްޓް ސެޓްފިކެޓްތައް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މިއީ ރާއްޖޭގައި ތެޔޮ ޓެސްޓުކޮށް، ތެލުގެ ކޮލިޓީ ދެނެގަތުމަށްޓަކައި ގާއިމްކުރި މިފަދަ ފުރަތަމަ ލެބެވެ.

އެސްޓީއޯއިން ހުޅުވި މި ލެބުގެ ސަބަބުން ބޮޑެތި ލުއިތައް ލިބިގެން ދާނެ: އެމްއޭސީއެލް

މިކަމާ ގުޅިގެން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝަމްއާން ޝާކިރު "ދަ ޕްރެސް" އަށް ވިދާޅުވީ، އެސްޓީއޯއިން މިއަދު ގާއިމްކުރި މި ލެބުގެ ސަބަބުން އެ ކުންފުންޏަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.

އެމްއޭސީއެލުން މިހާރު އަމަލު ކުރަމުންދާ ގޮތަކީ ތެޔޮ އެތެރެކޮށް، ފިއުލް ޓޭންކްތަކުގައި ތެޔޮ ރައްކާކުރުމަށް ފަހު، ސާމްޕަލް ޓެސްޓުކުރަން މެދު އިރުމަތީގައި ހުންނަ ޖިއޯކެމް ލެބަށް ފޮނުވުމެވެ. އަދި ޓެސްޓްކޮށްފަ ނަތީޖާ ލިބެން ދެ ތިން ދުވަސް ނަގާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ހުޅުވި މި ލެބުގެ ސަބަބުން ވަގުތު ސަލާމަތްވެ، ހަރަދު ކުޑަކުރެވިގެން ދާ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

"އެމްއޭސީއެލަކީ ރާއްޖޭގަ ހަމަ ގައިމުވެސް އޭވިއޭޝަން ފިއުލް ދޭނެ މީހުން. މި ވަގުތު ސަލާމަތް ކުރެވުމަކީ އެމްއޭސީއެލަށް ލިބޭނެ ކުރިއެރުމެއް" ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވި ގޮތުގައި ތެޔޮ ޓެސްޓު ކުރުމަށްވެސް ބޮޑެތި ހަރަދުތަކެއް ދާއިރު، މި ލެބުގެ ސަބަބުން ޓެސްޓު ކުރުމަށް ކުރާ ހަރަދު ކުޑަވެ، މި ލެބުން ހިދުމަތް ލިބެން ފެށުމުން އެއާޕޯޓުތަކުން ކުރަމުންދާ މަސައްކަތްތައް ބޮޑުތަނުން ރަނގަޅު ކުރެވިގެން ދާނެ ކަމަށެވެ.

"މި ދެ ފަސޭހައާ އެކީގަ (ޓެސްޓު ކުރުމަށް ދާ ހަރަދު ކުޑަވުން، ޓެސްޓުކުރަން ފޮނުވުން) ރާއްޖޭގެ އެއާލައިންތަކަށް އަދި އެއާޕޯޓް ބޭނުންކުރާ އެއާލައިންތަކަށް ކުރިއެރުން ލިބިގެން ދާނެ." ޝަމްއާން ވިދާޅުވިއެވެ.