ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލި ރިޝްވަތު ހިފިކަމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް، މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.

އެމައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައި ވާއިރު އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައި ވަނީ އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ މުހައްމަދު މިސްބާހު ވަނީ މަހްލޫފް އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އެސްއީޒެޑު ބިލަށް ވޯޓު ދިނުމުގެ ބަދަލުގައި ހޯދި ރިޝްވަތެއްކަން ސާބިތުވާ ވަރުގެ ހެއްކެއް ނެތް ކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އެގޮތައް ނިންމީ މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތް ކުރައްވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.