އާންމު ތަނެއްގައި އިންޑިއާ އައުޓް ލިޔެގެން ށ. ފޭދޫން ހައްޔަރު ކުރި 2 ޒުވާނުން މިހާރުން މިހާރަށް ދޫކޮށްލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
އިދިކޮޅުން ބުނީ ރީނދޫ ކުލަލާފައިވާ ށ. ފޭދޫ އާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހިކަމަށް ބުނެ، އިއްޔެގެ ވަގުތެއްގައި އެ ރަށު 2 ޒުވާނުން ހައްޔަރުކޮށް ރޭ ހަތަރުދަމު ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގައި ރަހީނުކޮށްފައި ބޭތިއްބުމަށްފަހު މިއަދު ކޯޓަށް ގެންގޮސް އެ 2 މީހުންގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށާއި އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ޢިމާރާތެއްގެ ފާރެއްގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ހިލާފު ނުވާ އެއްޗެއް ލިޔުން ނުވަތަ އެފަދަ ޝުއޫރެއް ދުލާއި ގަލަމުން ފާޅުކުރުމަކީ ދިވެހި ޖުމްހޫރިއްޔާއާއި ގާނޫނުތައް ހުއްދަ ކުރާ ކަމެއް ކަމަށާއި އެފަދަ ކަމެއް މަނާކުރާ އެއްވެސް ގާނޫނެއް ނެތް އިރު އެފަދަ ޝުއޫރެއް އާންމު ތަނެއްގައި ބަޔަކު ލިޔުން އެއީ މުޖުތަމައުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެކި ހައްޔަރުކޮށް މުއްދަތު ޖަހާ ހިލިހިލާ ޖަހަގެން ގެންގުޅުމަކީ އެއްވެސް ހާލެއްގައި ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެ ކޯލޝަނުން ވަނީ ބުނެފައެވެ. އަދި މިފަދައިން ޒުވާނުންގެ ބަޔަކު ހައްޔަރުކޮށް މުއްދަތު ޖެހުމުން ދިވެހި ސަރުކާރު އިންޑިއާގެ އުނގަށް ވެއްޓިފައިވާ މިންވަރު އެދަނީ އިތުރަށް ހާމަވެ ފަލީހަތްވަމުން ކަމަށް އެ ކޯލިޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެ ކޯލިޝަނުން އިތުރަށް ބުނީ މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ފިޔަވަޅު އެޅުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ވެސް ގޮވާލާ ކަމަށާއި ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ހުއްދަ ހޯދަން ޖެހޭ ހިސާބަށް ގައުމު ގޮސްފައިވާތީ ހިތާމަކުރާ ކަމަށެވެ.
ޢިންޑިޔާގެ އަންބޮނޑި އަށް މިސަރުކާރުވެރިން ވެއްޓި ދިވެހި ދަރިންނަށް ދިވެހިން ލައްވާ އަނިޔާކުރާ މަންޒަރު މިހިރަ ދަނީ ފެންނަމުން.