ކުރިއަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ މެންބަރުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި ރައީސް ނަޝީދުގެ ފާޑުވިދާޅުވުން ރައީސް ސޯލިހަށް އަމާޒު ކުރައްވައިފިއެވެ.

ރައީސް ސޯލިހަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީސް ވަޓްސްއަޕް ގުރޫޕަށް މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް ސަރުކާރުގެ މަގާމުތަކުގައި ތިބޭ އެ ޕާޓީގެ މީހުން ވަކިކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ މި ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް. ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން. އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީ އިން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ. ވަކިކުރާ ނަމަ އަޅުގަނޑުވެސް ވަކި ކުރައްވާ،"
މުހައްމަދު ނަޝީދު

ނަޝީދު މިފަދައިން ވިދާޅުވީ ރ. ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް، ހެލްތް ސާވިސްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ މެންބަރެއް ކަމަށްވާ އާމިރު އަހުމަދު ވަކިކުރުމާ ގުޅިގެންކަން ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާ ގުޅިގެން ގައުމީ މަޖިލީހުގައި އިންނަވާ މެންބަރަކު ވިދާޅުވީ މީހުން ވަޒީފާއިން ވަކިކޮށް ސިޔާސީ ވަޒީފާތައް ދޭ ވާހަކަ ވަރަށް އަޑުގަދަކޮށް ދައްކާ ކަމަށާއި އެކަމުގެ ހަގީގަތްވެސް ވާ ކަމަށެވެ.