ބިމުގެ ދަތިކަން ކުރިމަތިވެ ޗާލު ބަގީޗާތަކުގެ ހިތްގައުމުކަން ފަނޑުވަމުންދާ މި ޒަމާނުގައި، ފެހިކަމަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރެއް، މަޝްހޫރު ހޮޓެލް ޗޭނެއް ކަމަށް ވާ ފޯ ސީޒަންސްއިން ދީފިއެވެ.

ފޯ ސީޒަންސްއިން ދަނީ އޮސްޓްރޭލިއާގެ މެލްބަންގައި، ދުނިޔޭގެ އެންމެ އުސް ބަގީޗާ ހުޅުވުމަށް ތައްޔާރު ވަމުންނެވެ. 300 މީޓަރު އުހަށް ހައްދާ މި ބަގީޗާއަކީ، އެ ކުންފުނިން މެލްބަންގައި ހަދާ 2 ޓަވަރުގައި ތައްޔާރު ކުރާ ބަގީޗާއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ހޮޓާ ކޮޓަރީގެ އިތުރުން އާންމު ދުޅަހެޔޮކަމާ ގުޅޭ މަރުކަޒުތަކާ، އެކި އިވެންޓްތައް ބާއްވަން ހާއްސަ މާލަންތަކަކާއެކު ފަރުމާ ކޮށްފައި ވާ ބަގީޗާ ހޮޓާ ހުޅުވާނީ 2028 ވަނަ އަހަރުއެވެ.

މި ޓަވަރުތަކުގައި އެކު ޖުމުލަ 12500 އަކަ މީޓަރުގެ ބަގީޗާއެއް އޮންނާނެ ކަމަށް ހަބަރު ލިބެއެވެ. މި ބަގީޗާތަކުގައި އެކި ކަހަލަ ގަސްތައް ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މަތީ ފަންގިލާތަކާއި ތިރީ ފަންގިފިލާތަކުން ފެނިގެންދާނީ ތަފާތު ވައްތަރެއްގެ ގަސްތަކެއް ކަމަށާ، ޓެރަސްތައްވެސް ބޭނުން ކުރާނީ ބަގީޗާތަކުގެ ގޮތުގައި ކަމަށް ވަނީ ހާމަކޮށްފައެވެ.