ޔޫކްރައިންގެ މަޝްރަހު ނުތަނަވަސް ވެފައި ވާ މި ދަނޑިވަޅުގައި އެ ގައުމުން ރާއްޖެ އަންނަ ދިވެހި ދަރިވަރުން އަންނަނީ އަމިއްލަ ޓިކެޓްގައިކަން އެނގިއްޖެއެވެ.

"ދަ ޕްރެސް" އާ ވާހަކަ ދެއްކި ދަރިވަރުން ބުނީ، ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަމަލާދޭން ތައްޔާރުވަމުން ދިޔަ އިރު، ޔޫކްރައިންގައި ތިބި ދިވެހިންނަށް ރާއްޖެ ނާދެވި އެވާހަކަތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން އެދެވޭ އިޖާބައެއް އޭރު ދީފައި ނުވުމާއެކު މަޝްރަހު ގޯސްވާތީ ދަރިވަރުން ޓިކެޓް ނަގަން ނިންމި ކަމަށާއި، ދަތުރު ކުރަން ހަމަޖެހުމުން، ޓިކެޓް ނަގައިދޭ ވާހަކަ ސަރުކާރުން ބުނެ އިއުލާން ކުރި ކަމަށެވެ.

"އޭރު ޓިކެޓް ނަގައިފި ކުދިން، ދެން މިހާރު ބުނަނީ ރީއިމްބާސް ކޮށްދޭ ވާހަކަ، ހުރިހާ ލިޔެކިޔުމެއް ފޮނުވާފަ ވީ"
ދަރިވަރެއް

ޔޫކްރައިންގެ ކާރްކީވްގައި 35 ދަރިވަރުން ކިޔަވަން ތިއްބެއެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ކުރިން މާލެ އައި އިރު 4 ކުއްޖަކު ވަނީ މިދިޔަ ހުކުރުގައި މާލެ އައިސްފައެވެ. ބާކީ ތިބި ދަރިވަރުންގެ ތެރެއިން 25 ދަރިވަރަކު މިއަދު މާލެ އަންނަ އިރު، ވިސާގެ ކަންކަން ހަމަ ނުޖެހި ކާރްކީވްގައި 5 ދަރިވަރަކު އެބަ ތިއްބެވެ. މީގެ އިތުރުން ޔޫކްރައިންގެ އެހެން ސިޓީއެއް ކަމަށްވާ އިވަނޯގައި 14 ދަރިވަރުން އަދި އެހެން ސިޓީއެއްގައި 1 ދަރިވަރަކު އެބަހުއްޓެވެ.

ރަޝިއާއިން ރޭ ފަތިހު ޔޫކްރައިންއަށް ހަމަލާތަކެއް ދީފައި ވާއިރު، އެ ދަރިވަރުން ބުނެފައި ވަނީ، ނުތަނަވަސްކަން ބޮޑުކަމަށާއި ބިރުވެރިކަންވެސް އެބައޮތް ކަމަށެވެ.

ޔޫކްރައިންގައި ތިބި ދިވެހި ދަރިވަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރާކަން ހާމަ ކުރަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ، ޔޫކްރައިންގައި ތިބި ދަރިވަރުންގެ ހާލު ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ގާތުން ބަލަމުން ދާ ކަމަށާއި ހުރިހާ ދަރިވަރުންގެ ހާލުވެސް ރަނގަޅުކަމަށެވެ.