މާލެ އިން އައިއެސްގެ މެންބަރަކު ހައްޔަރުކޮށްފިއެވެ.
އެމީހާ ހައްޔަރު ކޮށްފައި ވަނީ އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ދެގައުމެއްގެ ކަމާބެހޭ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ކަަމަށް ސީޕީ މުހައްމަދު ހަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ހައްޔަރު ކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއ އެމީހާ ހައްޔަރު ކުރީ މިދިޔަ މަހު 6 ވަނަ ދުވަހު ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އިން ހައްޔަރު ކުރި މީހަކީ އައިއެސް ޖަމާއަތުގެ މީޑިއާ ކެމްޕޭންތައް ހިންގާ މީހެއް ކަމަށާއި އޭނާ ވަނީ ޔޫރަޕްގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށާއި ޔޫރަޕްގެ ލީޑަރުން މަރަން ގޮވާލާފައި ކަމަށް ވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.
ސީޕީ ހަމީދު އިތުރަށް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އޭނާ އައިއެސްގެ ކެމްޕެއިންތައް ހިންގަމުން އަންނަކަން އެނގިވަޑައިގެންފައި ވާ ކަމަށެވެ.
ދިވެހި ފުލުހުންނާއި އެފްބީއައި އަދި ޔޫރަޕްގެ ދެގައުމެއްގެ ކަމާބެހޭ އިދާރާތައް ގުޅިގެން މި ކޭސް ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ޓެރަރިޒަމް މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ނުގެންގޮސް، ބަންދުގައި 48 ގަޑިއިރު ބޭތިއްބޭ ގޮތަށް ފުލުހުންނަށް ބާރު ދިނުމަށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ ޑިސެމްބަރު މަހު ވަނީ ތަސްދީގު ކޮށްފައެވެ.
ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބެހެއްޓޭނެ ހާލަތްތަކަށް ބަލާއިރު، ޓެރަރިޒަމްގެ އަމަލު ރާވައި، ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި މިފަދަ އަމަލެއްގައި އެއްވެސް ގޮތަކަށް އެހީވި ކަމުގެ ތުހުމަތު ކުރެވޭ މީހުންނާއި ހަނގުރާމަތަކުގައި ބޭނުން ކުރާ އާލާތްތައް ގެންގުޅެ، ހަނގުރާމަތަކަށް މީހުން ފޮނުވުމުގައި ބައިވެރިވާ މީހުން ހިމެނެއެވެ.
މީގެ އިތުރުން ދިވެހިރާއްޖެއިން ބޭރުގައި ޓެރެރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ހާއްސަ އިޖުރާއަތުތަކަށް ބަދަލު ގެނެސްފައި ވެއެވެ.
ހަމައެހެންމެ ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ގެންނަން ޖެހޭ މުހިންމު ކަންކަން ބަޔާންކޮށްފައި ވެއެވެ. އަދި ޓެރަރިޒަމާ ގުޅުންހުރި ކަންކަމުގައި ފިޔަވަޅު އެޅުމުގައި އަމަލުކުރަންވީ މުހިންމު ކަންކަން ބަޔާންކޮށްފައި ވެއެވެ.