ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެންމެފަހުން ފޮނުވި 5 ޑޮކްޓަރުން ވެސް ފިލައިގެން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހަޅާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.
މެންބަރު މުޣުނީ ވަނީ އެ ހޮސްޕިޓަލުގައި ޑޮކްޓަރުން "ހަރުލާނެ ކަހަލަ އިންތިޒާމެއް ހަމަޖެއްސޭނެތޯ" މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި މިނިސްޓަރު ވަނީ އެ ހޮސްޕިޓަލަށް ފޮނުވާ ޑޮކްޓަރުން ފިލައިގެން ދަނީ ކީއްވެ ކަމެއް އަދި ކިހިނެއް ކަމެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ އެ ރަށުގައި ޑޮކްޓަރުން ފިލުމުގެ މައްސަލަ ބޮޑުވެގެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ފަހު، ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާއި ބޮޑު ހަރަދެއް ކޮށްގެން ޑޮކްޓަރުން ގެންނައިރު އެ މީހުންގެ ފަރާތުން ސަރުކާރަށް ލިބެން ޖެހޭ އުޖޫރަތަކެއް ވެސް ހުންނަ ކަމަށެވެ. އަދި އެ ފަދަ މައްސަލަތައް ދިމާނުވާނެ ގޮތް ހެދުމަށް ހޮސްޕިޓަލްތަކަށްވެސް އަންގާފައިވާނެ ކަމަށާއި އަދި އިމިގްރޭޝަން މެދުވެރިކޮށްވެސް ފިލައިގެން ނުދެވޭނެ ގޮތްތަކެއް ހަމަޖައްސާފައިވާނެ ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގާ ވަނީ ފާހަގަކުރައްވާފައެވެ.