މާލެއިން ރަށްރަށަށް ދާއިރު ޕީސީއާރް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.

އެޗްޕީއޭ އިން ބުނީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަ، އާންމު ރައްޔިތުންގެ ސިއްހަތު ރައްކައުތެރި ކުރުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މިދިޔަ މަހުގެ 9 ވަނަ ދުވަހު ކުރި އިއުލާނުގައި ބަޔާންކޮށްފައި ވާ ފިޔަވަޅުތަކަށް ބަދަލު ގެނެސްފައިވާ ކަަމަށެވެ. އެހެންކަމުން އެ ބަދަލާ އެއްގޮތަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން ކޮވިޑާ ގުޅިގެން މިދިޔަ މަހު އެޅި ފިޔަވަޅުތަކަށް ގެނެސްފައިވާ ބަދަލު ތަކުގެ ތެރޭގައި މާލެއިން ރަށްރަށަށް ދާ މީހުން ޕީސީއާރް ހަދަން މަޖުބޫރު ކުރި ކުރުން ވަނީ އުވާލާފައެވެ. ހަމައެއާއެކު މާލޭގައި މީހުން އެއްވެ އުޅުމާއި، ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް ވެސް އުވާލާފައި ވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް އެފަދަ ހަރަކާތްތައް ބާއްވަން ވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައި ވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެ އެޖެންސީން ބުނެއެވެ.

މީގެ އިތުރުން ކުޅިވަރު މުބާރާތްތަކުގެ ކުޅިބަލަން ދާ މީހުންނަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ވެސް ވަނީ އުވާލާފައެވެ. ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގައިޑްލައިތަކަށް އަމަލުކުރުމުން ފުދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާރު ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައި މިވަނީ މިހާރު ރިޕޯޓް ކުރާ ކޭސްތަކުގެ އަދަދު ދަށްވެގެން ދިއުމުންނެވެ، އެ ގޮތުން މިހާރު ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރާ ޖުމްލަ ކޭސްތައް މި ވަނީ 850 އިން ދަށަށް ގޮސްފައެވެ.