ދިރާގުން ދުނިޔޭގެ ވަރުގަދަ މުއާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާ ގުޅި، ރާއްޖެ ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް އަމަލީގޮތުން ފަށައިފިއެވެ.

ދިރާގުން ބުނީ ދެކުނު އޭޝިޔާއިން ފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަގު ޔޫރަޕާ ގުޅާލެވޭ މި ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމް އާ ރާއްޖެ ހިމެނޭގޮތަށް 11 ގައުމެއް ގުޅާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސިންގަޕޫރުން ފެށިގެން ފްރާންސް އާ ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025ވަނަ އަހަރުގެ ފުރުތަމަ ކުއާޓާއަށް ނިމޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލްއަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީބީޕީއެސް ގެ ސްޕީޑް ޓްރާންސްމިޓް ކުރެވޭނެ ވަރުގެ ސަބްމެރިން ކޭބަލް ސިސްޓަމެއް ކަމަށެވެ. އަދި މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝީއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖު ތަކަށް ދިރާގުގެ ނެޓްވަރކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މި މިމަޝްރޫއުގެ ސަބަބުން ވިޔަފާރި ތަކަށާއި ކަސްޓަމަރުންނަށް ލިބިގެންދާ މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތުގެ ފެންވަރު ރަނގަޅުވެ އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމު ތަކެކޭ އެއްފެންވަރެއްގައި ރާއްޖޭގެ މުއާސަލާތީ ހިދުމަތް ދެމެހެއްޓުމުގެ މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ ޑިޖިޓަލް ހިދުމަތްތަކަށް ބޭނުންވެފައިވައި މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗާ އިތުރަށް ވަރުގަދަވެ ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ވުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖެގައި އިންވެސްޓުކުރާ ވިޔަފާރިތަކަށްވެސް އިތުބާރާއި ޔަގީންކަން ލިބިގެންދާނެ ކަމެއް ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގުން މަސައްކަތްކުރަމުންދަނީ 5ޖީ، އާޓިފިޝަލް އިންޓެލިޖެންސް އަދި ވާޗުއަލް ރިއާލިޓީ ފަދަ ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި މިއީ ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި ޙާސިލްކުރެވުނު މުހިއްމު ލަނޑުދަނޑިއެއްކަމަށާއި އަދި މި އިންވެސްމެންޓްގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށާއި އަދި މުޅި ގައުމަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމުގައި ވިދާޅުވިއެވެ.

ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލް ތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަނުން، އިންޓަނެޓް ގެ ސްޕީޑް އާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ހަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެކަން ރަޝީދު ފާހަގަކުރެއްވިއެވެ.