ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖާކޮށްދެވެން ނެތް ކަމަށް ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ޖޭއެސްސީން ބުނެފިއެވެ.
ޖޭއެސްސީން ބުނީ، ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށާއި ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށް ކަމުން ހުޅުމާލެއަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫން ކަމަށާއި އެީ މާލޭގެ އަވަށްތަކެއް ކަމަށް ޖޭއެސްސީން ބުނެއެވެ.
މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދިހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައްމެ ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫން ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި މިކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވީ، ހުޅުމާލޭ ކޯޓަކީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް އުފެއްދި ތަނެއް ކަމަށާއި ގާނޫނުގައި ނެތް ކަމެއް ގާނޫނާ އެއްގޮތަށް ނުކުރެވޭނެ ކަމަށެވެ. ގާނޫނީ މިބޮޑު ފުށުއެރުން ރަނގަޅު ކުރުމަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ބުނެ އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ ޖޭއެސްސީން ނިންމީ، އޮކްޓޯބަރު 4، 2020 ގައެވެ.
ޖޭއެސްސީން ބުނީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން ފާހަގަވި ކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާ މެދު ޑިސެމްބަރު 5، 2012 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 31/S-SC/2012 ގަޒިއްޔާގައި ނިންމި ނިންމުން ކަމަށެވެ. އެ ނިންމުމުގައި ބުނެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށް ކަން ޖޭއެސްސީއަށް ފާހަގަ ވާތީ، އެ ނިންމުން މުރާޖާކޮށް ދިނުމަށް ޖޭއެސްސީން ސްޕްރީމް ކޯޓަށް ހުށަހެޅީމަ ކަމަށެވެ
އެގޮތުން މިމަހުގެ 8 ވަނަ ދުވަހު އެ ކޯޓުން ނިންމީ 2012 ގައި ސުޕްރީމް ކޯޓުގެ ގަޒިއްޔާ ނިންމުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތް ކަމަށެވެ. އަދި އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށެވެ.