ގައުމީ ޕޭމަންޓު ސިސްޓަމް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭ ބޭނުން ކުރަން ފަށަން ތައްޔާރު ވަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ހާޝިމް މިހެން ވިދާޅުވީ، އުރީދޫގެ އެމްފައިސާ ހިދުމަތް ވައިބާ މެދުވެރިކޮށް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން މި ހިދުމަތް ނިންމުމަށް ބޭޏުންވާ ބައެއް ސާމާނު ހޯދުމުގައި ދަތިތަކެއް ހުރުމުން މަސައްކަތް ލަސްވެފައިވީ ނަމަވެސް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ސިސްޓަމް ލައިވް ކުރެވޭނެ ކަމަށެވެ.

ގައުމީ ޕޭމަންޓު ސިސްޓަމްގެ ދަށުން އެކުލަވާލަން ޖެހޭ ޕޭމަންޓު ސާވިސަސްގެ ގަވާއިދު އަންނަ ހަފްތާތެރޭ ގެޒެޓު ކުރެވޭނެ ކަމަށާއި ރާއްޖެއަށް ޑިޖިޓަލް ފައިސާ ތައާރަފު ކުރުމާއި، މިކަމުގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ގުޅޭ ދިރާސާތައް ވެސް އެމްއެމްއޭއިން ކުރިއަށްގެންދާ ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ބޭރުގެ ކުންފުންޏަކާ އެކީ ސޮއިކޮށްފައި ވަނީ އޮކްޓޯބަރު 2020 ގައެއެވެ. އަދި ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް މިހާރުވެސް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.

ގައުމީ ޕޭމަންޓު ސިސްޓަމްއާ އެކު، ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ޕޭމަންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި ހަރަދު ކުޑަކޮށް، ޕޭމަންޓް ހެދޭނެ ތަފާތު ގޮތްތައް މާކެޓަށް ނެރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އެގޮތުން މި ސިސްޓަމަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި، އަދި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބުމަށް މަގު ފަހިވެގެންދާނެ ގޮތަށް ފަރުމާ ކުރެވޭ ސިސްޓަމެކެވެ.