ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ މާލެއާއި ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަކިން މިރޭ ދެވެން ނެތް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެހެންކަމުން މިރޭ އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ އިރުއޮއްސި 6 އިން މިރޭ އިރުއޮއްސި 6 އަށް ނެގި 2،823 ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 607 މީހުންނެވެ. އެއާއެކު، ރާއްޖޭން ޖުމްލަ 163،581 މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ.

އޭގެ ތެރެއިން 147،910 މީހުން ރަނގަޅުވެފައިވީ ނަމަވެސް، އަދިވެސް 15،368 މީހުން ބަލިން ރަނގަޅުނުވެ އެބަ ތިއްބެވެ. ބަލިން ރަނގަޅުނުވާ މީހުންގެ ތެރެއިން 28 މީހަކަށް އަދިވެސް ފަރުވާ ދެމުން އެބަ ދެއެވެ.

މިދިޔަ ޖެނުއަރީގެ މެދެއްހާ ހިސާބުން ފެށިގެން ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުން ހާހުން އަދި ދެ ހާހުން މަތީގައި ހުރުމަށްފަހު، މި މަހުގެ މެދެއްހާ ހިސާބުން ފެށިގެން އަދަދުތައް ވަނީ ދަށްވާން ފަށާފައެވެ. ކޮވިޑު ޖެހޭ މީހުންނެކޭ އެއްގޮތަށް، ސާމްޕަލް ނަގާ އަދަދުވެސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެގޮތުން މީގެ ކުރިން 7،000 އަށް ވުރެ ގިނައިން ސާމްޕަލް ނަގާފައިވާއިރު، އެ އަދަދުތައް މިހާރު ވަނީ 3،000 އަށް ވުރެ ދަށަށް ގޮސްފައެވެ.

ކޮވިޑް ޖެހިގެން ރާއްޖޭން މިހާތަނަށް މަރުވެފައިވަނީ 290 މީހުންނެވެ. އޭގެ ތެރެއިން މިމަހު 14 މީހުން ވަނީ މަރުވެފައެވެ.