އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިހާބުވެ ވަޑައިގެންފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެންމެ ފަހުން އެމްޑީޕީގެ ޕީޖީގެ ލީޑަރުކަން ކުރެއްވި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ ވާދަކުރައްވައި، އަސްލަމް ކުރީގައި އުޅުއްވަނީ 15 ވޯޓުގެ ތަފާތުންނެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ އަސްލަމް ފާހަގަ ކުރެވިގެން ދަނީ ތަޖުރިބާކާރު، ހިންގުންތެރި، އަދި ސިޔާސީ އެކި ހިޔާލުތަކުގެ މެންބަރުންނާ ގުޅިގެން މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
މިއަދު ބޭއްވި އިންތިހާބުގައި ޕީޖީގެ ހުރިހާ މެންބަރުންވެސް ވޯޓު ލައްވާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ޕީޖީގެ ލީޑަރު ހޮވުމުގެ އިތުރުން، މިއަދު އެމްޑީޕީން ވަނީ ޕީޖީގެ ދެ ނައިބުންނާއި، އަމީން އާންމުގެ ނައިބާއި، ޗީފް ވިޕާއި، ވިޕުން ހޮވައިފައެވެ. އެގޮތުން، ޕީޖީ ގްރޫޕްގެ ދެ ނައިބުންގެ ތެރެއިން އެއް ނައިބުގެ ގޮތުގައި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބުވެފައިވާއިރު، އެ މަގާމުގައި މިހާރު ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިފައިވާ ވޯޓު އެއްވަރުވުމުން، އެ ދެ ބޭފުޅުންގެ މެދުގައި އިތުރު ބުރެއް ބާއްވަން ވަނީ ނިންމާފައެވެ.
އަމީން އާންމު ކަމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެކަނި ކަމަށް ވުމުން، އޭނާ ވަނީ އެ މަގާމަށް ހޮވިވަޑައިގެންފައެވެ.
މިއަދު އެމްޑީޕީގެ ޕީޖީގެ އިންތިހާބު ބާއްވާފައިވާއިރު، އެ ޕާޓީގެ ޗެއާޕާސަންގެ އިތުރުން، އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމުގެ އިންތިހާބު އަންނަ އޭޕްރިލް 16 ގައި ބާއްވަން ވަނީ ނިންމާފައެވެ.