ރާއްޖެއިން ގަންނަ ތިން ބިހުން ދެބިސް، އިންޑިއާއިން ގެންނަނީ އެގައުމުގެ ހަވާދު ލައިގެން ކަމަށް ވިޔަސް ރާއްޖޭގައި ތިބި އެގައުމުގެ ސިފައިން ޖެހޭނީ ފައިބާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ރޭ 241 ކޮމިޓީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިއާ ވަނީ ރާއްޖެ އެތެރެކުރާ ކޮންމެ ތިން ކުކުޅު ބިހަކުން ދެ ބިހަކީ އިންޑިއާއިން އެތެރެކުރާ ބިސް ކަމަށާއި، އެހެންކަމުން އިންޑިއާ އައުޓް ކިޔުން ރަނގަޅު ނޫންކަމަށް ކަމަށް ވިދާޅުވެފައެވެ. މިކަމަށް ތޯރިގު ވަނީ ރައްދުދެއްވާ އިންޑިއާގެ މީޑިއާއަކަށް މިނިސްޓަރު މާރިއާ މީގެ ކުރިން ދެއްވި އިންޓަވިޔުއެއް ވެސް ހިއްސާ ކުރައްވާފައެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން މާރިއާ ވިދާޅުވީ ރާއްޖެއަށް އެތެރެ ކުރާ ކޮންމެ ތިން ކުކުޅު ބިހަކުން، ދެ ބިސް އެތެރެ ކުރަނީ އިންޑިއާއިން ކަމަށާއި އެހެން ކަމުން "އިންޑިއާ އައުޓް" ކިޔުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކާ އެކަހެރިވެގެން އުޅުމުން ލިބޭނެ ގެއްލުން ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށާއި އެގޮތުން އިމްޕޯޓާއި ބޭސްފަރުވާއަށް ރާއްޖެއިން އިންޑިއާއަށް ބަރޯސާވާތީ އިންޑިއާ އައުޓް ކިއުމަކީ ރަނގަޅުކަމެއް ނޫން ކަމަށް މާރިއާ ވިދާޅުވިއެވެ.

ރާއްޖެ އެތެރެކުރާ 80 ޕަސެންޓު ފިޔާ އާއި އަލުވިވެސް ގެންނަނީ އިންޑިއާއިން ކަމަށާއި ރާއްޖެއިން އެ ގައުމަށް ބަރޯސާވަނީ ހަމައެކަނި ސެކިއުރިޓީ ކަންކަމުގައި ނޫންކަމަށް މާރިއާ ވަނީ ވިދާޅުވެފައެވެ.

ވަކި ގައުމެއްގެ ވަކި ނަސްލެއްގެ މީހަކަށް ވީތީ ދިމާކޮށް ކަންކަން ކުރާނަމަ ދިވެހިންނަށް ނުރައްކާ ވެދާނެ ކަމަށާއި އޭގެ ސަބަބުން ގައުމީ ނުރައްކަލަށް އަސަރު ކުރާނެކަން ފާހަގަކުރައްވާ މާރިއާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބައެއް ކާބޯތަކެތި އެތެރެ ކުރަނީ އިންޑިއާ އިން ކަމަށް ވާތީ އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށް، ކާބޯތަކެތި އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.