ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލާގައި އޭނާގެ ފަރާތުން މައްސަލާގައި ޖާމިނުވާ ފަރާތް، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)ގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރަން އޭނާ ހައްޔަރު ކޮށްދޭން އެދުމުން އޭނާ ރާއްޖޭގައި ނެތްކަން ފުލުހުން ކަރެކްޝަނަށް އަންގައިފިއެވެ.

އަސްހަދު 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ދިއުމަށް ހުއްދަ ދިނުމުގައި ޖާމިނުވުމާ ގުޅިގެން، އެ މުއްދަތުގައި އަލީ ވަހީދު އެނބުރި ނައުމާ ގުޅިގެންނެވެ.

ކަރެކްޝަނުން ވަނީ ޣައިރު ހާޒިރުގައި އަސްހަދަށް ކުރި ހުކުމާ ގުޅިގެން ހުކުމް ތަންފީޒުކުރަން އޭނާ ގެނެސްދޭން ފުލުސް އޮފީހުގައި އެދިފައެވެ. އަދި ފުލުހުން ކުރަން ޖެހޭ ކަންކަން ނިމުމުން އޭނާ ގެންނާނެ ކަމަށް ކަރެކްޝަނުން އޭރު ބުންޏެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަސްހަދު ރާއްޖޭގައި ނެތް ކަމަށް ފުލުހުން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެކަން ކަރެކްޝަނަށް އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްހަދު ހޯދަން ކަރެކްޝަންސްގެ އެދުމަށް ފުލުހުން ބެލީ އޭނާ ރާއްޖޭގައި ހުރިތޯއެވެ. އަދި އަސްހަދު ހޯދުމުގެ އިތުރު މަސައްކަތެއް ފުލުހުން ނުކުރެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް މައްސަލައެއް ކްރިމިނަލް ކޯޓަށް ވައްދާފައި އޮއްވާ، ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލައި ބޭސްފަރުވާ އަށް ފުރުމަށް ހުއްދަ ދީފައެވެ. އެ ހުއްދަ ދީފައިވަނީ އަސްހަދު ޖާމިނުވާ ގޮތަށް އެއްބަސްވުމެއް ހަދައިގެން ހަތަރު މަސްދުވަހުގެ ތެރޭ އަލީ ވަހީދު މިކޮޅަށް އަންނަ ގޮތަށެވެ.

ނަމަވެސް ހަތަރު މަސްދުވަހަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް އަލީ ވަހީދު އެނބުރި ނާދެއެވެ. އަލީ އެދުނީ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޖެހޭތީ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.

އެގޮތަށް އިންތިޒާމު ހަމަޖައްސައި، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އަލީ ހާޒިރުކޮށް ދެ އަޑުއެހުމެއް ކުރިއަށް ގެންދިޔަ، ނަމަވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެކަމަށް އިއުތިރާޒު ކުރިއެވެ.