މިއަދު 1037 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، މާލެއިން މިއަދު ކޮވިޑް ޖެހުނީ 136 މީހަކަށެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 1000 އަށް ދަށްވެފައިވާ އިރު، މި ވަގުތު ބަލިޖެހިގެން އެނދުމަތިކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދުވެސް އަންނަނީ ދަށް ވަމުންނެވެ. އެގޮތުން މިހާރު ކޮވިޑް ބަލީގައި ފަރުވާ ހޯދަުން އަންނަނީ 30 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 4061 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 1252 އެވެ. މާލެއިން 136 މީހުން ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 11 ޕަސެންޓަށް ދަށްވެފައެވެ. ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 161،113 އަށް އަރާފައިވާ އިރު އެކްޓިވް ކޭސް ގޮތުގައި އުޅެނީ 15782 މީހުންނެވެ.
މިއަދު ޖުމްލަ ޕޮޒިޓިވް ކޭސް: 1037
- މާލެ ސަރަހައްދު: 136
- އަތޮޅު ތެރެއިން: 828
- ރިސޯޓްތަކުން: 41
މިއަދު ޖުމްލަ 1037 މީހަކު ޕޮޒިޓިވްވެފައިވާ އިރު މާލެ ސަރަހއްދުން ޕޮޒިޓިވްވެފައި ވަނީ 136 މީހެކެވެ. އަދި އަތޮޅޫތެރެއިން ފެންނަ ކޭސްތައް އެއް މިންގަނޑެއްގައި ހިފެހެއްޓިފައި ހުންނަ ކަން ވަނީ ފާހަގަ ވެފައެވެ. އެގޮތުން 800 ގެ އަދަދުތަކެއްގައި އަތޯލުޓެރެއިން ޕޮޒިޓިވްވާ މިންވަރު ހިފެހެއްޓިފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ.
މިހާރު ކޭސްތައް މަދުވަމުން އަންނަ އިރު ޓެސްޓު ކުރާ ސާމްޕަލްތައް ވެސް މަދުކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މި ވަގުތު ޕޮޒިޓިވްވާ މީހުން މަދުވަމުން މި އަންނަނީ ބަލީގެ އަލާމާތް ހުރެ ނުވަތަ ކޮންޓެކްޓުންގެ ގޮތުގައި ފެންނަ މީހުން ކޮވިޑަށް ޓެސްޓު ކުރުން މަދުވާތީ ކަމަށް ބެލެވެއެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 709 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 289 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއަހަރު މި ބަލީގައި 27 މީހަކު ވަނީ މަރުވެފައެވެ.
މިހާތަނަށް ކޮވިޑްގެ ހާޅަތަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑް ބަލި ޖެހުނު މަހަކަށް ރިކޯޑްތަކުން ދައްކަނީ 37588 މީހުންނަށް ކޮވިޑް ޖެހުނު މިދިޔަ ޖެނުއަރީ މަހެވެ. އެ މަހު ކޮވިޑް ބަލީގައި 14 މީހަކު މަރުވެފައިވާ އިރު މި މަހު މަރުވެފައި ވަނީ 13 މީހެކެވެ.