އެންމެ ފުރަތަމަ ދުވަހުން ފަށައިގެންވެސް ސަރުކާރުގެ އިދާރާތަކުން މާ ބޮޑު އަޅާލުމެއް ނުދޭ ކަމަށް، ޔޫކްރައިންގައި ތިބި ދަރިވަރުން ބުނެފިއެވެ.

ޔޫކްރައިންގެ ޚަރުކިވްގައި ދިރިއުޅޭ އެ ދަރިވަރުން ނެރެފައިވާ ބަޔާނުގައި ބުނީ، އެ ދަރިވަރުން ތިބީ ރަޝިއާގެ ބޯޑަރާ އެންމެ ކައިރީގައިވާ ސިޓީގައި ކަމުން، ރަޝިއާއާއި ޔޫކްރައިން އާ ދެމެދު ހަމަލާ ބަދަލުކުރަން ފަށައިފިނަމަ، އެކަމުގެ ސަބަބުން އެ ކުދިންނަށް އެކަމުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ނަމަވެސް، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، މިކަމާ ގުޅޭގޮތުން ސަރުކާރުގެ އެއްވެސް އިދާރާއަކުން އެ ދަރިވަރުންނާ ނުގުޅާ ކަމަށާއި، އެ ތަނުގައި އެންމެ ކައިރީގައި ހުންނަ ޖަރުމަންވިލާތުގެ ބާލިންގައި ހުންނަ އެމްބަސީގެ ފޯނު ނަންބަރުވެސް ހޯދަން ޖެހުނީ އަމިއްލައަށް ކަމަށް އެ ދަރިވަރުން ބުުންޏެވެ.

އެ އެމްބަސީގެ ލަފާގެ ދަށުން، އެމަޖެންސީ ހާލަތެއް ދިމާވެގެން ގުޅޭނެ ގޮތެއް ނުވެދާނެތީ އެމްބަސީއާއެކު އެމަޖެންސީ ގްރޫޕެއް ހަދާފައި ކަމަށާއި، ނަމަވެސް އެ ގްރޫޕްގައި އެމްބަސީން އެއްވެސް ދަރިވަރަކާ ވާހަކަ ނުދައްކާ ކަމަށް ބުނެއެވެ. ނަމަވެސް އޭގެ ތިން ދުވަސް ފަހުން ދަރިވަރުން ޔޫކްރައިންގެ ހާލަތާ ގުޅޭ ހަބަރުތައް ގްރޫޕަށް ލުމުން، އެކަން ގާތުން ބަލަމުން އަންނަ ކަމަށް އެމްބަސީން ބުނި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އޭގެ ފަހުން، އެމަޖެންސީ ހާލަތުގައި ގުޅޭނެ މީހުންގެ މައުލޫމާތު ދިނުމަށް ގޫގުލް ފޯމެއް ވަނީ ފޮނުވާފަ. އޭގެ ފަހުން އެއްވެސް ހަބަރެއް ނުވޭ. އެއްވެސް ބަަޔަކު "ގާތުން ހާލު ބަލަން" ކޮންޓެކްޓް ކޮށްފައެއް ނުވޭ. އަޅުގަނޑުމެންނަށް ދަތިތައް ދިމާވޭތޯ އާއި، ޔުނިވާސިޓީން ނިންމި ގޮތާމެދު، އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ޓިކެޓުގެ އަގު 2،500 އެމެރިކާ ޑޮލަރަށް އުފުލިގެން ދިޔައިރު، އަމިއްލައަށް އެނބުރި ގައުމަށް އާދެވޭނެތޯވެސް ނާހާ."
ޔޫކްރައިންގައި ތިބި ދިވެހި ދަރިވަރުން

ދަރިވަރުން މައިގަނޑު ގޮތެއްގައި ކަންބޮޑުވަނީ މި ހާލަތުގައި އެމްބަސީން އަމަލުކުރި ގޮތާމެދު ދިވެހި ސަރުކާރުގެ ފަރާތްތަކުން ދޮގު ބަޔާންތައް ދެމުން ދާތީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ޔޫކްރައިންގެ ހާލަތާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްވެސް ވަނީ ހިމަނާފައެވެ.

އެއާއެކު، ޔޫކްރައިނުން އެނބުރި ގައުމަށް އައުމަށް އެހީތެރިކަން ހޯދުމަށްޓަކައި "ސަރުކާރުގެ ފަހަތުން ދުވަން ޖެހުމަކީ" ކަންބޮޑުވާން ޖެހޭ ކަމަކަށް ވާއިރު، އަދި އެގައުމުގައި ތިބީ މަދު ދިވެހި ދަރިވަރުންތަކެއް ކަމަށްވީ ނަމަވެސް، 4،000 އަށް ވުރެ ގިނަ ދަރިވަރުން ތިބި ގައުމުތަކުންވެސް އެ ދަރިވަރުން އަނބުރާ އެ ގައުމުތަކަށް ގެނައުމުގެ މަސައްކަތް ކުރި ކަން ވަނީ ފާހަގަ ކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނަނީ ހާލު ބަލާ ކަމަށް

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، ޔޫކްރައިންގައި ތިބި ދަރިވަރުންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، އެގޮތުން އެ ދަރިވަރުންގެ ހާލު، ބާލިންގައި ހުންނަ އެމްބަސީން ގަވައިދުން ބަލަމުންދާ ކަމަށެވެ.

ހަމަ އެއާއެކު، ފޮރިން މިނިސްޓްރީގެ އިސް ފަރާތްތަކުން މިއަދުވެސް އެ ދަރިވަރުންގެ ބެލެނިވެރިންނާ ވާހަކަ ދައްކާފައި ވާނެ ކަމަށާއި، އެ ދަރިވަރުންގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީފައި ވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި ދަރިވަރުންގެ ހާލުގެ ރަނގަޅު ކަމަށާއި، ޔޫކްރައިންގެ މިހާރުގެ ހާލަތަށް ބެލުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.