"ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ ބައެއް، އެއީ ދިވެހިރާއްޖެ މަގްބޫލުވާ އެއް ސަބަބު." ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން މާދަމާ އޮންނަ ބައްދަލުވުމެއްގައި ބައިވެރިވުމަށް މިއަދު ރާއްޖެ އައި ޖޯޖް ކޯބިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުންޏެވެ.
މީގެ 50 އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރުމުގައި އެންމެ ބޮޑު މެދުވެރިއަކަށް ވީ ޖޯޖް ކޯބިންއެވެ. އޭނާއަށް މަރުހަބާ ކިޔުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތެވެ.
މީޑިއާތަކަށް ދިން ބަސްދީގަތުމެއްގައި ޖޯޖް ކޯބިން ބުނީ، މީގެ 50 އަހަރު ކުރިން އޭނާ ރާއްޖެއަށް ކުރި ދަތުރުގެ މަތިން ހަނދާންވާ ކަމަށާއި، އެ ބަދަލުތައް ފެނިފައި މިހިރީ އަޖައިބުވެފައި ކަމަށެެވެ.
މިހާރު ޓްރެވަލް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ކޯބިން އަށް ރާއްޖޭން ކަމުދަނީ ކަނޑުއަޑީގެ ރީތި ކަމާއި އަތޮޅުތައް އަތުރާފައިވާ ގޮތްތަކާއި، ރަށްރަށުގައިވާ ގޮނޑުދޮށްތަކެވެ. އަދި އޭނާގެ އުންމީދަކީ ކަނޑުއަޑީގެ ރީތި ކަމާއި ފަރުތައް ދެމެހެއްޓުމެވެ.
އެއަށްފަހު، ކުރީގެ ހަނދާންތައް އާ ކުރަމުން ކޯބިން ބުނީ، "އަދިވެސް ލޯ މަތިން ފެންނަނީ 70 ގެ އަހަރުތަކުގައި މާލެ އޮތް ގޮތް" ކަމަށާއި، އޭރު އެއްވެސް އިންޖީނުލީ އުޅަނދެއް ނެތް ކަމަށެވެ.
ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ ބޮޑު އެއް މަސައްކަތްކުރެއްވި މިނިސްޓަރު ނަސީމް ވިދާޅުވީ، ފަތުރުވެރިކަން ކުރިއަރައި މި ހިސާބަށް އައުމުގައި ދިވެހިންގެ ވަރަށް ބޮޑު ދައުރެއް އެބައޮތް ކަމަށެވެ. އަދި މިހާރު މި އޮތް ގޮތަށް ފަތުރުވެރިކަމުގެ ސިނާއަަތް ކުރިއަރައިގެން ދާނެ ކަމަށް ނަސީމް ވަނީ އުންމީދު ކުރައްވާފައެވެ.
"އަޅުގަނޑުމެންގެ މީހުންނަކީ އިނޮވޭޓިވް ކްރިއޭޓިވް ބައެއް. ބުއްދިވެރި ބައެއް. އެހެންވީމަ މި އިންޑަސްޓްރީ މިހާތަނަށް ގެނެވިފަ މި އޮތީވެސް ހަމަ އެމީހުންގެ ސަބަބުން." ނަސީމް ވިދާޅުވިއެވެ.
ހަތް ދުވަހުގެ މުއްދަތަކަށް ރާއްޖެ އައި ކޯބިން މާލޭގައި މާގިރި ހޮޓަލުގައި މަޑުކުރުމަށްފަހު، ނ. އަތޮޅުގައި އެއް ރޭ މަޑުކުރުމަށް ފަހު، ކުޑަ ވިލިނގިލީގައިވެސް މަޑުކުރާގޮތަށް ހަމަޖެހިފައިވެއެވެ.