ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 1100 އަށް ދަށްވެފައިވާ އިރު، މި ވަގުތު ބަލިޖެހިގެން އެނދުމަތިކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދުވެސް ދަށަށް ހިނގައްޖެއެވެ.

މިހާރު ޕޮޒިޓިވްވާ އަދަދުތައް އަންނަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. އެގޮތުން އިއްޔެ ޖުމްލަ 1128 މީހަކު ޕޮޒިޓީވް ވެފައިވާއިރު ކޮވިޑް ބަލީގައި އެންދުމަތިކޮށްގެން ފަރުވާ ދެމުން އަންނަނީ 41 މީހަކަށެވެ. ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 158،031 އަށް އަރާފައިވާ އިރު އެކްޓިވް ކޭސް ގޮތުގައި އުޅެނީ 16،161 މީހުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 4390 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 1076 އެވެ. މާލެއިން 155 މީހުން ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 14 ޕަސެންޓަށް ދަށްވެފައެވެ.

އިއްޔެ ޖުމްލަ ޕޮޒިޓިވް ކޭސް: 1128

  • މާލެ ސަރަހައްދު: 155
  • އަތޮޅު ތެރެއިން: 806
  • ރިސޯޓްތަކުން: 65
  • ލިވަބޯޑުން: 4

މިހާރު ކޭސްތައް މަދުވަމުން އަންނަ އިރު ޓެސްޓު ކުރާ ސާމްޕަލްތައް ވެސް މަދުކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މި ވަގުތު ޕޮޒިޓިވްވާ މީހުން މަދުވަމުން މި އަންނަނީ ބަލީގެ އަލާމާތް ހުރެ ނުވަތަ ކޮންޓެކްޓުންގެ ގޮތުގައި ފެންނަ މީހުން ކޮވިޑަށް ޓެސްޓު ކުރުން މަދުވާތީ ކަމަށް ބެލެވެއެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 707 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 288 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއަހަރު މި ބަލީގައި 26 މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް ކޮވިޑްގެ ހާޅަތަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑް ބަލި ޖެހުނު މަހަކަށް ރިކޯޑްތަކުން ދައްކަނީ 37588 މީހުންނަށް ކޮވިޑް ޖެހުނު މިދިޔަ ޖެނުއަރީ މަހެވެ. އެ މަހު ކޮވިޑް ބަލީގައި 14 މީހަކު މަރުވެފައިވާ އިރު މި މަހު މަރުވެފައި ވަނީ 12 މީހެކެވެ.