ބޮޑީ ކެމެރާއަކީ ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަކަށް ލިބިގެންދާ އިތުރު އެހީތެރިކަމެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު އެހެން ވިދާޅުވީ، ބޮޑީވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަަތަށް މިއަދު އިތުރުކުރެވުނު އާ ވަސީލަތަކީ ފުލުހުންގެ މަސައްކަތަށް ބޮޑު ބަދަލެއް ގެނެސްދެވޭނެ ވަސީލަތެއް ކަމަށެވެ. އަދި އެއީ ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަކަށް ލިބިގެންދާ އިތުރު އެހީތެރިކަމެއް ކަމާއި ތަހުގީގު ތަކަށް ހެކި ލިބިގަނެވޭނެ އާ ވަސީލަތެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.

މިއަދު މި ހިދުމަތް މި ފަށަނީ ހާއްސަ އުސޫލެއް އެކުލަވާލާ ބޮޑީވޯން ކެމެރާ ބޭނުންކުރާ ފުލުހުން އެކަމަށް ތަމްރީނުކޮށްގެން ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިއީ ފުލުހުންގެ ހިދުމަތުގެ ޖަވާބުދާރީވުން ހަރުދަނާ ކުރުމާއި ފުލުހުންގެ މަސައްތަކަށް ރައްޔިތުންކުރާ އިތުބާރު ބޮޑުކުރުމަށް އަދި މިފަދަ ޒަމާނީ ޓެކްނޮލޮޖިކަލް ވަސީލަތެއްގެ ބޭނުން ހިފައިގެން ފުލުހުންގެ މަގުސަދުތައް ހާސިލުކުރުމަށް ފުލުހުން ހަރަކާތްތެރިވުން ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، މުސްތަގުބަލުގައި ބޮޑީވޯން ކެމެރާ ވެގެންދާނީ ފުލުހުން ޖަވާބުދާރީ ކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެއް ކަމަށެވެ. އަދި އެއީ ފުލުހުންގެ ތަފާތު ގިނަ މަގުސަދުތައް ހާސިލުކުރުމުގައި އެހީތެރިވެދޭނެ އަދި ފުލުހުންގެ ރައްކާތެރިކަމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްދޭނެ ވަސީލަތެއްކަމުގައި ވެސް ސީޕީ ފާހަގަކުރެއްވިއެވެ.

ސީޕީ އިތުރުން، ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމުން ފުލުހުންނާމެދު ކުރެވޭ އަސްލެއް ނެތް ޝަކުވާއާއި، ޖުމްލަކޮށް ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅުކުރުމަށް ބާރުއެޅިގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ގޯސްކޮށް ހިނގާ ކަންކަމާމެދު ރައްޔިތުންގެ ޝަކުވާތައް މަދުވެ، ކުރެވޭ ޝަކުވާތައް ތަހުގީގުކުރުމާއި ހަގީގަތް ހޯދުމަށް ޒަމާނީ ފުރިހަމަކަމެއް ގެނެވިގެންދާނެ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

މިއަދު މި މަސައްކަތް މިފެށެނީ 200 ކެމެރާއިން ކަމުގައި ވީނަމަވެސް 1200 ކެމެރާ އިތުރަށް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ، މިފަހަރު މާލެ ސަރަހައްދާއި އައްޑޫސިޓީގައި އެކަނި ބޭނުންކުރަން ފެށުނުކަމުގައިވީނަމަވެސް، ކައިރި މުސްތަގުބަލެއްގައި ފުލުހުންގެ ހުރިހާ ރީޖަންއަކަށް ބޮޑީވޯން ކެމެރާގެ ޕްރޮގްރާމް ފުޅާވެގެންދާނެ ކަމަށެވެ.