ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ށ. ކަނޑިތީމުގައި ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
ދިރާގުން ބުނީ މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްވަނީ ކަނޑިތީމުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށް ކަމަށެވެ.
މިގޮތުން، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. މިގޮތުން ކަނޑިތީމު ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކް ކަމަށް ދިރާގުން ބުނެއެވެ. މިގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 82 ޕަސަންޓަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 77 ރަށެއް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތް ކަމަށެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ރާއްޖޭގެ 82 ޕަސަންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.