މާލޭ ސިޓީގައި އަންހެނުންނަށް ހާއްސަކޮށްގެން ހެދުމަށް ނިންމާފައިވާ ތަރުކާރީ މާރުކޭޓުތައް އެޅުމަށް ރޯދަމަހުގެ ކުރިން ބަޔަކާ ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ ކަނބަލުންގެ އުފެއްދުންތެރިކަމާއި ތަރުކާރީ މާރުކޭޓަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. އެކަމަށްޓަކައި މިހާރު މަސައްކަތް ފެށިފައިވާ ކަމަށާއި ރޯދަމަސް ފެށުމުގެ ކުރިން މާލޭގެ ކޮންމެ އަވަށެއްގައި މީގެ މާރުކޭޓެއް އެޅުމަށް ބަޔަކާ ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭރު މީހުންނަކަށް ނުތިބެވޭނެ. މުޅި އޮޕަރޭޝަން، ގޭތެރެއިން މާރުކޭޓަށް، މާރުކޭޓުން ގެއަށް، މުޅި ޕްރޮސެސްގެ ހުރިހާ ހިސާބެއްގައި ތިއްބަވާނީ ކަނބަލުން. އެގޮތަށް މިކަން ހިނގާނީ ސިޓީ ކައުންސިލާ ގުޅިގެން"
ޑރ. މުހައްމަދު މުއިއްޒު

މިކަމަކީ އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާނެ ކަމެއް ކަމަށާއި މިނިސްޓްރީން އެހީތެރިކަން ނުލިބިއްޖެ ނަމަ، ކޯޕަރޭޓިވްއެއް ނޫނަސް އެހެން ނަމެއްގައި ވިޔަސް ރަސްމީ ގުނަވަނެއް އުފައްދައިގެން އަންހެންވެރިން ހިންގާ ތަންތަނުގެ ގޮތުގައި މިތަންތަން ހުޅުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ގޭގޭގައި އަންހެންވެރިން އުފައްދާ ތަކެތި ކޯޕަރޭޓިވް މެދުވެރިކޮށް މި މާރުކޭޓުތަކުގައި ވިއްކޭނެ ގޮތަށް ހަމަޖައްސައި މާރުކޭޓުގެ ސްޓޯލްތަކުގައި ވެސް ތިބޭނީ އަންހެނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ 6 އަވަށުގެ ތެރެއިން ހުޅުމާލެ ފިޔަވައި 5 އަވަށުގައި މާރުކޭޓު އެޅުމަށް ރޯދައިގެ ކުރިން ބަަޔަކާ ހަވާލުކުރުމުގެ ކަންކަން ކުރަމުން އަންނަ އިރު، އެކަން ކުރެވޭނީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރުން ނާތުލައި ނަމަ ކަމަށާއި ސިޓީ ކައުންސިލުގެ އަތުން ބިންތައް ނެގުމަށް ސަރުކާރު ތެރޭގައި ވާހަކަ ދެކެވޭ ކަމަށް ނުރަސްމީކޮށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.