އެއް މަސް ދުވަހަށް ފަހު ކޮވިޑް-19 ހުރިތޯ ބަލަން ނެގި ސާމްޕަލްތަކުގެ އަދަދު ހަތަރު ހާހަށްވުރެ ދަށްވެ، ގާތްގަނޑަކަށް މަސްދުވަހެއް ވާން ކައިރިވެފައި ވަނިކޮށް ކޮވިޑް ކޭސްތަކުގެ އަދަދުވެސް ހާހަކަށް ވުރެ ދަށްވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެ އިރުއޮއްސި 6 އިން މިއަދު އިރުއޮއްސި 6 އަށް ނެގި 3،936 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 986 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭން 206 މީހުންނާއި، ރަށްރަށުން 596 މީހުންނާއި، ރިސޯޓުތަކުން 109 މީހުން، އަދި ސަފާރީތަކުން ތިން މީހެކެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން 1،274 ސާމްޕަލް އެއް މާލޭން ނަގާފައިވާއިރު، މާލޭގެ ޕޮޒިޓިވިޓީ ރޭޓް މި ވަނީ 18 ޕަސެންޓުން 16 ޕަސެންޓަށް ދަށްވެފައެވެ

އެއާއެކު، ރާއްޖޭން ކޮވިޑަށް ޖުމްލަ 156،903 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން ރަނގަޅުވެފައިވަނީ 140،376 މީހުންނެވެ. ނަމަވެސް އެކްޓިވް ކޭސްތައް އަދިވެސް އުޅެނީ 16،000 އިން މަތީގައެވެ

ރާއްޖޭގައި ކޮވިޑް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. ރާއްޖޭން ކޮވިޑް ފެނުނުތާ ގާތްގަނޑަކަށް ދެ އަހަރުވެފައިވާއިރު މިހާތަނަށް މި ބަލީގައި ރާއްޖޭން 287 މީހުން މަރުވެފައިވެއެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއަހަރު މި ބަލީގައި 25 މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް ކޮވިޑްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނީ މިދިޔަ މަހުގައެވެ. އެގޮތުން 37،588 މީހުންނަށް މިދިޔަ މަހު ކޮވިޑް ޖެހިފައިވެއެވެ. ހަމަ އެ މަހުގައި 14 މީހަކު ކޮވިޑުގައި މަރުވެފައިވާ އިރު މި މަހު 11 މީހުން މަރުވެފައިވެއެވެ.