އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 1406 އަށް ދަށްވެފައިވާ އިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވީ 306 މީހުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
މިހާރު ޕޮޒިޓިވްވާ އަދަދުތައް އަންނަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. ނަމަވެސް ރަށްރަށުން ޕޮޒިޓިވްވާ ކޭސްތައް އަދިވެސް މި ވަނީ 800 ގެ އަދަދުތަކުގައި ހިފެހެއްޓިފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 4781 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 1692 އެވެ. އިއްޔެ މާލެއިން 307 މީހުން ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 18 ޕަސެންޓަށް ދަށްވެފައެވެ.
އިއްޔެގެ ޖުމްލަ ޕޮޒިޓިވް ކޭސް: 1406
- މާލެ ސަރަހައްދު: 306
- އަތޮޅު ތެރެއިން: 891
- ރިސޯޓްތަކުން: 69
މިހާރު ކޭސްތައް މަދުވަމުން އަންނަ އިރު ޓެސްޓު ކުރާ ސާމްޕަލްތައް ވެސް މަދުކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މި ވަގުތު ޕޮޒިޓިވްވާ މީހުން މަދުވަމުން މި އަންނަނީ ބަލީގެ އަލާމާތް ހުރެ ނުވަތަ ކޮންޓެކްޓުންގެ ގޮތުގައި ފެންނަ މީހުން ކޮވިޑަށް ޓެސްޓު ކުރުން މަދުވާތީ ކަމަށް ބެލެވެއެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 155،917 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. މި ވަގުތު 58 މީހަކަށް އަންނަނީ ކޮވިޑް ޖެހި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 705 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 287 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއަހަރު މި ބަލީގައި 25 މީހަކު ވަނީ މަރުވެފައެވެ.
މިހާތަނަށް ކޮވިޑްގެ ހާޅަތަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑް ބަލި ޖެހުނު މަހަކަށް ރިކޯޑްތަކުން ދައްކަނީ 37588 މީހުންނަށް ކޮވިޑް ޖެހުނު މިދިޔަ ޖެނުއަރީ މަހެވެ. އެ މަހު ކޮވިޑް ބަލީގައި 14 މީހަކު މަރުވެފައިވާ އިރު މި މަހު މަރުވެފައި ވަނީ 11 މީހެކެވެ.
އަތޮޅުތަކުގެ ރަށްތަކުގަ މިރޭ މަދު ރެއަށްވުރެ. ރޭގަ 500+ އެކަމު މިރޭ 300 +