ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ގދ. ރަތަފަންދޫގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

ދިރާގުން ބުނީ، ރަތަފަންދޫގައި ދިރާގު ޓީވީ ތައާރަފުކޮށްފައިވަނީ ދިރާގު ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފާތަކަކާ އެއްކޮށް ކަމަށެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް ގެންގުޅޭ ކަސްޓަމަރުން ދިރާގު ޓީވީއަށް އެޕްލައި ކޮށްގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު މައި އެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތައް އެދެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. ދިރާގުން ބުނީ، ރަތަފަންދޫ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށެވެ.

ދިރާގުން ބުނީ، ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނޭ ކަމަށެވެ.

ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސަންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ދިރާގުން ބުނެއެވެ.