ގައިދީއިންނާއި އޮފިސަރުން ޕޮޒިޓިވްވެ ކުއްލި ހާލަތަށް ގެނައި މާފުށި ޖަލު އާންމު ހާލަތަށް ގެނެސްފިއެވެ.

ކަރެކްޝަނުން ބުނީ، މާފުށީ ޖަލުގައި ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވި، ކޮވިޑަށް ޕޮޒިޓިވް ހުރިހާ ގައިދީން މިހާރު ބަލިން ފަސޭހަވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޖަލުގެ ޙާލަތު މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ އަދި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެއަޑުއެހުންތައް ކުރިއަށް ގެންދާނީ އާ އާންމު ހާލަތާ ގުޅިގެން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.

މާފުށި ޖަލު ކުއްލި ހާލަތަށް ނެގަނީ މިދިޔަ މަހު 14 ވަނަ ދުވަހުއެވެ.

ކުއްލި ހާލަތާ ގުޅިގެން މާފުށީ ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ވަނީ އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ އަހަރު ތެރޭގައި ވެސް ޖަލުތަކުގައި ހާލަތު ގޯސްވެ، ގިނަ އަދަދެއްގެ ގައިދީންނާއި އޮފިސަރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެގޮތުން އެފަހަރު 522 މީހުން ޕޮޒިޓިވްވެ، 17 ހައިރިސްކް ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރަން ޖެހުނެވެ.