ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިން ކުރިޔަށް ގެންދަވަނީ 3 ނުވަރަ 4 މިލިއަނުން ހަރަދުކޮށްގެން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ސީޕީ މިހެން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ފުލުހުން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ،

ސީޕީ ވިދާޅުވީ މިގޮތުން މި ކެމްޕެއިނަކީ ސިޔާސީ ޕާޓީތަކަކުން ބައިވެރިވެގެން ވަރަށް ރޭވުންތެރިކަމާ އެކުގައި ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށާއި މި ހަރަކާތް ކުރިޔަށް ގެންދަނީ 3 މިލިއަނުން 4 މިލިއަނުން ހަރަދުކޮށްގެންކަން އެނގިވަޑައިގެންފައި ވާކަމަށެވެ. އަދި މި ކެމްޕެއިންގެ ފަހަތުގައި އޮތް އަސްލު މަގުސަދު ވެސް އެނގިވަޑައިގެންފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެ ކެމްޕެއިނުގައި ނުރައްކާތެރި ކުށްވެރިންގެ ބައިވެރިވުން އޮންނަ ކަމަށާއި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުށް ކޮށްގެން މުއްސަނދިވެ އެކައުންޓުތަކުގައި މިލިއަނުން ފައިސާ ރޯލް ކުރާ މީހުން ނިސްބަތްވާ 10 ގޭންގެއް އުޅޭ ކަމަށެވެ. އަދި އެ ހުރިހާ ގްރޫޕެއްގެ ވެރިން ވެސް އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވާކަން ސީޕީގެ ވާހަކައިގާ ވަނީ ފާހަގަ ކުރައްވާފައެވެ.

މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެކަން ކުރުމުގައި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާ އައުޓް ހަރަކާތުގައި ގޭންގުތަކުން ބައިވެރިވަނީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށްވެސް ސީޕީ ފާހަގަކުރެއެވެ.

ސީޕީ އިތުރަށް ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ރާއްޖޭގެ ދާހިލީ ހަމަޖެހުމަށް ވެސް އަދި އެނޫން ގޮތަކުން ވެސް ގެއްލުމެއް ވެދާނެ ކަމެއް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.