މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 1502 އަށް ދަށްވެފައިވާ އިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު 400 އިން ދަށަށް ހިނގައްޖެއެވެ.

މިހާރު ޕޮޒިޓިވްވާ އަދަދުތައް އަންނަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. ނަމަވެސް ރަށްރަށުން ޕޮޒިޓިވްވާ ކޭސްތައް އަދިވެސް މި ވަނީ 800 ގެ އަދަދުތަކުގައި ހިފެހެއްޓިފައެވެ. އަދި ހިންގަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވާ މިންވަރު އަންނަނީ އިތުރުވަމުން ކަން ފާހަގަ ކުރެވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 4972 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 1756 އެވެ. މިއަދު މާލެއިން 351 މީހުން ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 20 ޕަސެންޓަށް ދަށްވެފައެވެ.

މިއަދުގެ ޖުމްލަ ޕޮޒިޓިވް ކޭސް: 1502

  • މާލެ ސަރަހައްދު: 351
  • އަތޮޅު ތެރެއިން: 817
  • ރިސޯޓްތަކުން: 163
  • ލިވަބޯޑުން: 2

މިހާރު ކޭސްތައް މަދުވަމުން އަންނަ އިރު ޓެސްޓު ކުރާ ސާމްޕަލްތައް ވެސް މަދުކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މި ވަގުތު ޕޮޒިޓިވްވާ މީހުން މަދުވަމުން މި އަންނަނީ ބަލީގެ އަލާމާތް ހުރެ ނުވަތަ ކޮންޓެކްޓުންގެ ގޮތުގައި ފެންނަ މީހުން ކޮވިޑަށް ޓެސްޓު ކުރުމް މަދުވާތީ ކަމަށް ބެލެވެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 153415 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. މި ވަގުތު 62 މީހަކަށް އަންނަނީ ކޮވިޑް ޖެހި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 703 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 285 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއަހަރު މި ބަލީގައި 23 މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް ކޮވިޑްގެ ހާޅަތަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑް ބަލި ޖެހުނު މަހަކަށް ރިކޯޑްތަކުން ދައްކަނީ 37588 މީހުންނަށް ކޮވިޑް ޖެހުނު މިދިޔަ ޖެނުއަރީ މަހެވެ. އެ މަހު ކޮވިޑް ބަލީގައި 14 މީހަކު މަރުވެފައިވާ އިރު މި މަހު މަރުވެފައި ވަނީ 9 މީހެކެވެ.