ސްރީލަންކާގެ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ކޮންޓޭނަރުތަކުގެ ތެރެއިން، ޒަރޫރީ މުދާ ހުރި ކޮންޓޭނަރުތަކަށް މިހާރުން މިހާރަށް ކުލިއަރަންސް ދިނުމަށް ފިޔަވަޅު އެޅުމަށް، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ އިރުޝާދު ދެއްވައިފިއެވެ.

ސްރީލަންކާގެ ރައީސް އޮފީހުގެ މީޑިއާ ޑިވިޝަނުން ބުނީ، ގޮތަބާޔާ ރާޖަޕަކްސަގެ މި ނިންމެވުމަކީ، ކާބޯތަކެތި ޒަރޫރީ މުދަލުގެ ސަޕްލައި، އެއްވެސް ދަތިކަމެއް ނެތި ބާޒާރަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަގުސަދުގައި ނިންމެވުމެއް ކަމަށެވެ.

ގޮތަބާޔާ ރާޖަޕަކްސަ ވަނީ، ޒަރޫރީ މުދާ ލިބުން ދަތި ނުވާނެކަން ކަށަވަރު ކުރުމަށް ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލައްވާފައެވެ. އެ ކޮމިޓީގެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރެއްވީ މާލީ ވަޒީރު ބާސިލް ރާޖަޕަކްސައެވެ.

ޒަރޫރީ މުދަލުގެ ސަޕްލައި ކަށަވަރު ކުރުމުގެ ގޮތުން ބައެއް އުފެއްދުންތައް އިމްޕޯޓް ކުރުމުގެ ހުއްދަ ދިނުމަށްވެސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ނިންމަވާފައެވެ. ނަމަވެސް، އެފަދަ އިމްޕޯޓްކޮށް، ގުދަންކޮށްގެން އަގު އުފުލުމުގެ ފުރުސަތު ތަނަވަސް ކުރިއަށް ނިދުމަށްވެސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ އަންގަވާފައެވެ.

ސްރީލަންކާގެ ބާޒާރުގައި ޒަރޫރީ މުދާ ލިބުން ދަތިވުމުގެ މައްސަލަތައް ފެންމަތިވާން ފެށީ، އެ ގައުމުގެ މާލީ ހާލަތު ގޯހުން ގޯހަށް ދާން ފެށުމުންނެވެ. ބޭރު ފައިސާ ލިބުން ދަތިވެ، ލަންކާގެ މާލީ ހާލަތު އިންތިހާއަށް ދަށް ވެ، އާންމު ދިރިއުޅުމުގެ އެކި ބޭނުންތަކަށް އެކަމުގެ އަސަރު ފޯރައެވެ.