ގިރިފުށީގެ ބަނދަރު އަޕްގްރޭޑް ވުމަކީ ސިފައިންނަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް މިނިސްޓާ އޮފް ޑިފެންސް މާރިއާ އަހަމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިއާ މިހެން ވިދާޅުވީ، ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މާރިއާގެ ވާހަކަގައި ވަނީ، ޒަމާނުއްސުރެ، ދިވެހިރާއްޖޭގެ ސިފައިން ތަމްރީނުކުރާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑް ވެގެން ދާކަމީ، ދިވެހި ގައުމީ ދިފާއީ ބާރަށް ލިބުނު މުހިއްމު ކުރިއެރުމެއްކަން ފާހަގަ ކުރައްވާފައެވެ. އަދި މީގެ ކުރިން، އެތައް އަހަރެއް ވަންދެން، ގިރިފުށީގެ ބަނދަރުގެ ކަނޑުތޮށި ރަނގަޅަށް ފެންވަރަށް ހެދުމަށްޓަކައި ބޭނުންވާ ފައިސާ އޮތީ ހަމައެކަނި ބަޖެޓު ފޮތުގައި ޖަހާފައި އޮތް ހިސާބު އަދަދަކަށް ވެފައިކަން ފާހަގަކުރައްވާ މާރިއާ ވިދާޅުވީ، މިކަމުގެ ސަބަބުން، ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

ރައީސް ސޯލިހު، އެމްއެންޑީއެފް އޮފިސާސް ރޭންޖް ޑޭގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި ގިރިފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، ގިރިފުށްޓަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން ސާވިސް ކޯއިން ދިން ޕްރެޒެންޓޭޝަން ބައްލަވާލެއްވުމަށް ފަހު، އެކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ދެކެވަޑައިގެން، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖައްސަވާދެއްވާފައިކަން މާރިއާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ދަތި އުނދަގޫ ހާލަތުގައިވެސް، ސަރުކާރުން ބަޖެޓު ހަމަޖައްސައިގެން ކުރިއަށް ގެންދާ މިޕްރޮޖެކްޓަކީ، ރައީސް ސޯލިހު އަބަދުވެސް ސިފައިންނާ ގުޅޭ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ އަލިގަދަ ހެއްކެއްކަން މާރިއާ ވަނީ ޝުކުރާއެކު ފާހަގަ ކުރައްވާފައެވެ.

މިރަސްމިއްޔާތުގައި، މިޕްރޮޖެކްޓް ކުރިއަށްގެންދަން ހަމަޖެހިފައިވާ އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމް، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ސާވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގާއި ޖެނެރަލް އޮފިސަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.