މިދިޔަ މަހު އެވަރެޖްކޮށް 4،250 ފަތުރުވެރިން ދުވާލަކު ރާއްޖެއަށް އައިސްފައިވާ ކަމަށް، ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ޖުމްލަ 131،764 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީގައި އައި 92،103 ފަތުރުވެރިންނަށް ވުރެ 43.1 ޕަސެންޓު އިތުރު އަދަދެކެވެ.

ހަމަ އެއާއެކު، މިދިޔަ މަސް ނިމުނުއިރު، އެވަރެޖްކޮށް ނުވަ ދުވަހު ފަތުރުވެރިން ރާއްޖޭގައި ވަގުތު ހޭދަކުރިއެވެ. މިދިޔަ އަހަރު ފަތުރުވެރިން އެވަރެޖް ގޮތެއްގައި ރާއްޖޭގައި ހޭދަކޮށްފައި ވަނީ 8.7 ދުވަހެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން 24،464 ފަތުރުވެރިން އައިސްފައިވާއިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާރުކޭޓުގެ 17.5 ޕަސެންޓު ހިއްސާއެވެ. ދެވަނަ އަށް އެންމެ ގިނައިން މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައި އިނގިރޭސިވިލާތުން 14،276 ފަތުރުވެރިން އައިސްފައިވާއިރު، އަވަށްޓެރި އިންޑިއާއިން އައިސްފައިވަނީ 11،438 މީހުންނެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ.