ށ. ކޮމަންޑޫ އާއި މަތިކޮމަންޑޫ ހިއްކަން ހުއްދަ ދިން އީއައިއޭ ރިޕޯޓުގައި މައްސަލަ އެބަހުރި ކަމަށް ޑްރެޖިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ބުނެފިއެވެ.
އެ އެސޯސިއޭޝަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އީއައިއޭއަށް އީޕީއޭއިން ހުއްދަ ދިނީ އާންމުކޮށް އެފަދަ ރިޕޯޓްތަކަށް ހުއްދަ ދޭން އެ އެޖެންސީން ގެންގުޅޭ އުސޫލާ ހިލާފަށް ކަމަށެވެ.
ޑްރެޖިން އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ އެސޯސިއޭޝަނުން ބުނީ މަތިކޮމަންޑޫ ހިއްކަން އީއައިއޭ ހެދިއިރު މި ދެ ރަަށުގެ ވަށަައިގެން ރާޅުތައް ހުންނަ ގޮތް ސާވޭ ކޮށްފައި ނުވާ ކަމަށާއި އަދި މީގެ ސަބަބުން އަލަށް ހިއްކާ ބަޔާއި އަދި ކޮމަންޑޫގެ ގޮނޑުދޮށް ސަރަހައްދަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށެވެ.
އެ މަޝްރޫއަށް ވެލި ނަގަނީ ރ. އުނގޫފާރު ބިން ހިއްކުމަށް މިދިޔަ އަހަރުގެ އޭޕްރީލް އަދި މެއި މަހު ސާވޭ ކުރި ސަރަހައްދުން ކަމަށް ވާއިރު އެ ކަމަށް ހުއްދަ ދިން އެޑެންޑަމް ރިޕޯޓަކީ ވެސް އީޕީއޭ އިން އާންމުކޮށް އެފަދަ ރިޕޯޓްތަކަށް ހުއްދަ ދިނުމަށް ގެންގުޅޭ ސްޓޭންޑަޑަށް ނުފެތޭ ރިޕޯޓެއް ކަމަށް ޑްރެޖިން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މަތިކޮމަންޑޫ މަޝްރޫއު އީއައިއޭ އެޑެންޑަމް އަށް ހާއްސަ ހުއްދައެއް އީޕީއޭ އިން ދޫކުރި އިރު، ރ. އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމަށް އަންގާފައި ވީނަމަވެސް މަސައްކަތް ފެށި އިރު އެކަން ކޮށްފައި ނުވުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް އަދި މި މަޝްރޫއުގެ އީއައިއޭގެ ޓާމްސް އޮފް ރިފަރެން އާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެ އެސޯސިއޭޝަނުން ބުނީ މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ 2012 ވަނަ އަހަރު ހެދި އީއައިއޭގެ ގަވައިދުތަކާ ހިލާފަށް ކަމަށާއި އެފަދަ އީއައިއޭތައް އީޕީއޭއަށް ފާސް ނުކުރެވޭނެ ކަމަށެވެ.