2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)، ހަށިގަނޑު ތެރޭގައި ފެތުރިގެން ދަނީ މީގެ ކުރިން ހީވެފައި އޮތް މިނަށް ވުރެ ހަލުވިކޮށް ކަމަށް، އިނގިރޭސިވިލާތުގެ ދިރާސާއަކުން ދައްކައިފިއެވެ.

ކޮވިޑް-19 ޖައްސާ ވައިރަހަށް ގަސްތުގައި މީހުން ހުށަހަޅައިގެން ދުނިޔޭގައި ފުރަތަމަ ކުރިއަށް ގެންދިޔަ މި ދިރާސާ ބުނާ ގޮތުން، ވައިރަހަށް މީހާ ހުށަހެޅޭ ހިސާބުން، އެމީހެއްގެ ހަށިގަޑުން އެ ވައިރަސް ފެނުމަށް ހޭދަވާ އެވަރޭޖު މުއްދަތީ 48 ގަޑިއިރެވެ.

ދިރާސާގެ ނަތީޖާއަށް ބަލާއިރު މިއީ، ކޮވިޑްގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު ބަލީގެ އަސަރު ފެންނަން ފަށާ މުއްދަތު ކަމަށް ކުރިން ބަލަމުން އައި 5 ނުވަތަ 6 ދުވަހުގެ މުއްދަތާ އަޅާ ބަލާއިރު، އިންތިހާ ހަލުވި މުއްދަތެކެވެ.

މި ދިރާސާގެ ބޭނުމަށް، ކޮވިޑް ޖައްސާ ވައިރަހަށް ހުށަހަޅާފައި ވަނީ ސިއްހަތު ރަނގަޅު ޒުވާނުން ކަމަށް މައުލޫމާތު ލިބެއެވެ. ދިރާސާގެ ބައިވެރިންނަށް ވައިރަހުގެ ޑޯޒްއެއް ދީފައި ވާ އިރު، ނޭފަތަށް ފޮނުވާލާ އެންމެ ތިއްކަކުންވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވާ ކަން ވަނީ ހާމަވެފައެވެ.

ދިރާސާއިން ދެނެގަނެވުނު އިތުރު ކަންކަމަށް ބަލާއިރު، އިންފެކްޝަން ފެށެނީ ކަރުތެރެއިންނެވެ. ވައިރަހަށް ހުށަހެޅޭތާ 2 ދުވަހުގެ ތެރޭގައި ބައްޔަށް އިންފެކްޓް ވާއިރު، އެންމެ އިންފެކްޝަސް ވަނީ 5 ދުވަސް ފަހުން ކަމަށް ދައްކައެވެ. އެހާ ހިސާބަށް ދާއިރު ކަރަށްވުރެ ވައިރަލް ލޯޑް ބޮޑުވަނީ ނޭފަތުގައެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ޓެސްޓުން ބަލި ދެނެގަތުމަށް އެންމެ ރަނގަޅު މުއްދަތަކީ ބަލީގެ ކުރީކޮޅެވެ. އަދި ޓެސްޓު ކުރުމަށް ނޭފަތާއި ކަރުން ސާމްޕަލް ނަގައިގެންނެވެ.

ދިރާސާގައި ބޭނުން ކޮށްފައި ވަނީ، އަލްފާ، ޑެލްޓާ އަދި އޮމިކްރޯންގެ ކުރިން ފެންމަތިވި ވޭރިއަންޓެއްގ ކަމަށް މައުލޫމާތު ލިބެއެވެ. ދިރާސާ އާންމު ކޮށްފައިވަނީ ސްޕްރިންގާ ނޭޗާގެ ޕްރީޕްރިންޓް ސާވިސްގައި ކަމަށް ވާއިރު، މި ދިރާސާގެ ޕިއާ ރިވިއުއެއް އަދި ހަދާފައެއް ނުވެއެވެ.