ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވުމަކީ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ލިބުނު އުފަލެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އަންނަ މޭ މަހުން ފެށިގެން، ޓީޗަރުން ހިމެނޭ ގޮތަށް ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިއުލާން ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގައުމު ބިނާކުރުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރަނީ ޓީޗަރުން ކަމަށާއި، އެހެންވެ ޓީޗަރުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ.
އެއާއެކު، ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާ ކަމަށާއި، އެ ބޮޑު ކުރުމާއެކު ޓީޗަރުންގެ މުސާރައަށް 56 ޕަސެންޓުގެ ކުރިއެރުން އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ނިންމެވުމަށް ޝުކުރު ދަންނަވައި ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ޓީޗަރުންގެ މުސާރަ ބޮޑުކޮށްދީފައިނުވާ މިންވަރަކަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވުމަކީ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
އެއާއެކު، މިނިސްޓަރު ވަނީ މޮޅެތި ދަރިވަރުން ޓީޗަރުންނަށް ވެ، ޓީޗަރުން ވަޒީފާގައި ދެމިތިބުމަށް އެދިވަޑައިގެންފައެވެ.
"ދަ ޕްރެސް" އާ ވާހަކަ ދެއްކި ބައެއް ޓީޗަރުން ބުނި ގޮތުގައި، މިއީ ވަރަށް ގިނަ ދުވަސްވަންދެން ޓީޗަރުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، ޓީޗަރުންނަކީ އެ މަސައްކަތް ކުރާ ހަ ގަޑިއިރުގެ އިތުރުން ފިލާވަޅުތަކާއި، ދުވަހުން ދުވަހަށް ދަރިވަރުން ކުރާ މަސައްކަތްތައް ތައްޔާރު ކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ބައެއް ކަމަށެވެ.
"އެހެންވީމަ ޓީޗަރުންގެ މުސާރަ ބޮޑުވާނެ ވާހަކަ އަޑުއިވުނީމަ ވަރަށް އުފާވެއްޖެ،" ޓީޗަރަކު ބުންޏެވެ.
މި ހިނގަމުންދާ ދިޔާސީ އަހަރު ފެށުމުގެ ގޮތުން ހުޅުމާލެ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް އޭރު ވިދާޅުވީ، ޓީޗަރުން ހޭދަކުރާ ވަގުތާ އެކަށޭނަ ގޮތުން، މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން، ޓީޗަރުން ލިބުން ދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށްޓަކައި، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް، އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްދީ، އެކަމަށްޓަކައި ލިބެންޖެހޭ ޢިނާޔަތްތައްވެސް ހަމަޖައްސައި ދެއްވާނެ ކަމަށްވެސް އޭރު ވިދާޅުވެފައިވެއެވެ.
ޓީޗަރުންގެ އުޖޫރުއަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅެކެވެ.