ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ދުވަސްވަރަކަށްވުމުން އައިޖީއެމްއެޗް ހޮސްޕިޓަލުން ބަދަލުތައް ގެނައި ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ފަށަން ނިންމައިފިއެވެ.
ކުރިއެކޭ އެއްގޮތަށް ފެށުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީ އޯޕީޑީއާއި ދުރާލާ ތާވަލްކޮށްގެން ހަދާ ސާޖަރީ ތަކައް ހިމެނެއެވެ.
އައިޖީއެމްއެޗުން ބުނީ ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން އެ ހޮސްޕިޓަލުގެ ލެބޯޓްރީ އޯޕީޑީ ހިދުމަތްތަކަށް ބަދަލު ގެނެސްފައިވާއިރު 30 ޖެނުއަރީ އިން ފެބްރުއަރީ 5 ގެ ނިޔަލަށް ލެބޯޓްރީއިން ލޭނެގުމުގެ ހިދުމަތްދެމުން ގެންދަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން މެންދުރު 12 އަށް ކަމަށެވެ. އެހެންނަމަވެސް ފެބްރުއަރީ 6 އިން ފެށިގެން އެ ހޮސްޕިޓަލުގެ ލެބޯޓްރީއިން ލޭނެގުމުގެ ހިދުމަތް ދޭ ވަގުތު ވަނީ އިތުުރުކޮށްފައެވެ.
އައިޖީއެމްއެޗުން ބުނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ދެމުންގެން ދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން މެންދުރުފަހު 2 އަށް ކަމަށާއި ދުވާލަކަށް ދޫކުރާނީ އޮންލައިންކޮށް 200 ނަންބަރާއި ހޮސްޕިޓަލުން 200 ނަންބަރު ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ވަނީ ޑައުންގްރޭޑް ކުރެވިފާ ކަމަށާއި ޖެނުއަރީ 22 އިން ފެށިގެން 2 ހަފްތާއަށް ރޫޓީން (ދުރާލާ ތާވަލުކޮށްގެން ހަދާ) ސާޖަރީތައް ވަނީ މެދުކަނޑާލައިފާ ކަމަށެވެ. އެހެންނަމަވެސް މި މަހުގެ 6 ގެ ފަހުން ރޫޓީން ސާޖަރީތަކުގެ ތެރެއިން ބައެއް ސާޖަރީތައް ކުރިއެކޭވެސް އެއްފަދައިން ކުރުމަށް ނިންމާފައިވާ ކަމަށާއި އީއާރްގެ ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.