އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ވަޒީފާ ދޭއިރު، އެ ކޯލިޝަނަށް ތާއީދުކުރާ މީހުންނަށް ވަޒީފާ ދިނުމުގައި އިސްކަން ދިނުމަށް ނިންމެވި ސަބަބު، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ހާމަ ކުރައްވައިފިއެވެ.

"ޗެނަލް 13" އިން ރޭ ގެނެސްދިން "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ، މި ސަރުކާރުން ކުރާ ކަމަކީ އިދިކޮޅަށް ތާއީދުކޮށް، ކޯލިޝަނަށް ތާއީދު ހޯދައިދޭން އާއިލާގެ މީހަކު ނުކުތަސް، އެ އާއިލާގެ މީހަކު އަދާ ކުރަމުންދާ ވަޒީފާއިން ވަކިކުރުން ކަމަށެވެ. އެއީ އެ ކުދިންނަށް (މީހުންނަށް) ލިބޭ ގެއްލުމެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ.

"މިސަރުކާރުން މި ކުރާ ކަމަކީ އަޅުގަނޑުމެންގެ ކެނޑިޑޭޓަށް މަސައްކަތްކޮށްދޭން އާއިލާގެ މީހަކު ނުކުތަސް އެ އާއިލާގެ ކުއްޖަކަށް ވަޒީފާދީފަ ހުރެއްޖެއްޔާ ވަޒީފާއިން އެބަ ކަނޑާލާ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ދާދި އިހަކަށް ދުވަހު ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ގޮސް ފެނަކައިން ހަމަ އެކަނިވެސް 50 ވަޒީފާ އުފައްދައި އެ ވަޒީފާތައް އެމްޑީޕީގެ މެމްބަރުންނަށް ދީފައިވާ ކަމަށާއި، ކޮމަންޑޫ ދާއިރާއަށް ސަރުކާރުން ވަޒީފާ އުފައްދަމުން ދާއިރު، ކޮލިފައިޑް މީހުންގެ ބަދަލުގައި ނަގަނީ ހުސް އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށެވެ.

"މިއީ ގާނޫނާ ހިލާފު ކަންކަން. އެހެންވީމަ އަޅުގަނޑުވެސް އެބަޖެހޭ އަޅުގަނޑަށް ތާއީދު ކުރާ މީހުން ހިފަހައްޓަން." އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ މީހުންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެއްވުމަށް ނިންމެވި ސަބަބާ ގުޅޭ ގޮތުން ޔާމީން ވިދާޅުވިއެވެ.

އެހެން ނަމަވެސް، އޭގެ މާނައަކީ ދައުލަތުގެ ހުރިހާ ވަޒީފާއެއް އިދިކޮޅަށް ހާއްސަ ކުރުން ނޫން ކަމަށާއި، މާލެއާއި ރަށްރަށުގައި ވަޒީފާތަކަށް ނަގާނީ އެކަމަށް އެންމެ އެކަށީގެންވާ ގާބިލްކަން ހުރި މީހުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ކޮލިފައިޑް މީހުން ނަގާއިރު ޕާޓީއެއްގައި ހުރުން ނުހުރުން އެއި ޝަރުތެއްނޫން." ޔާމީން ވިދާޅުވިއެވެ.

ހަމަ އެއާއެކު ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަށް ގޮތްތަކެއް ހޯދައިދޭން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި، ސަބަބަކީ މި ސަރުކާރު އައިފަހުން އެމަނިކުފާނަށް ތާއީދުކުރާ އެތައް ބައެއްގެ ވަޒީފާ ގެއްލެމުން ދާތީ، އެކަމުގެ ސަބަބުން އެ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށްވެސް ގެއްލުން ވަމުން ދާތީ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ބުނިން ފުރަތަމަ އަޅުގަނޑުމެންގެ ސަރުކާރެއް ލިބިއްޖެއްޔާ އެ މީހުން އިހުތިބި މަގާމަށް އިއާދަ ކޮށްދޭނަމޭ ނޫނީ އެއަށްވުރެ ރަނގަޅު މަގާމެއް ދޭނަމޭ. އެހެންވީމަ އެކަން ކަށަވަރު ކުރުމަށްޓަކާ ރަށްރަށުގައި އުފެދޭ ވަޒީފާތައް ހާއްސަ ކުރާނަމޭ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގައި ވަޒީފާތަކަށް މީހުން ނެގީ ވަކި ފިކުރަކަށް ކުލައަކަށް ބެލުމެއް ނެތި ކަމަށާއި، ނަމަވެސް މި ސަރުކާރު އައިފަހުން ފެންނަނީ އެއާ އިދިކޮޅު މަންޒަރު ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ ވަޒީފާތައް ހިމާޔަތްކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް، ގާނޫނެއް ފާސްކުރިޔަސް ވެސް ނުހުއްޓުވޭނެ ކަމަށާއި، އެ ހަރަކާތް ހިންގަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކަމަށްވާތީ އެކަން ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށް ގެއްލުން ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

"އެމީހުންނަށް ނުރައްކާވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެމީހުންނަށް ނުރައްކަލެއް ކުރަންޏާ ވެސް ކުރާނީ އެމްޑީޕީން. އިންޑިއާގެ މަދަނީ ފަރާތްތަކާ ދެކޮޅުވެރިކަމެއް އޮވެގެނެއް ނޫނޭ އަޅުގަނޑުމެން މިއުޅެނީ," ޔާމީން ވިދާޅުވިއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ޔާމީން ވަނީ މީގެ ކުރިން ކ. އަތޮޅާއި، ފ. އަތޮޅުގެ ބައެއް ރަށްރަށަށް އަދި ށ. އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.