ބިމުގެ ސަތަހައިން ބަލާނަމަ ގާތްގަނޑަކަށް 500 މޭލަށް ދެމިގެންދިޔަ ވިދުމާއެކު، އެމެރިކާގެ 3 ސްޓޭޓެއްގެ އުޑުމަތި އަލިވެގެން ދިޔަ ގަދަ ވިދުމަކީ، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި ވިދުމެއް ކަމަށް ސައެންސްވެރިން ބުނެފިއެވެ.

2020 ވަނަ އަހަރުގެ މި ވިދުން 477.2 މޭލު ނުވަތަ 768 ކިލޯމީޓަރަށް ދެމިގެން ދިޔައިރު، އެއީ މިސިސިޕީ، ލުއިޒިއޭނާ އަދި ޓެކްސަސްވެސް ހިމެނެ ސަރަހައްދެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ބްރެޒީލްގައެވެ. އެއީ 2018 ވަނަ އަހަރު 440.6 މޭލަށް ދެމިގެންދިޔަ ވިދުމެކެވެ.

ވިދުމަކީ އާންމު ގޮތެއްގައި 10 މޭލަށް ވުރެ ދިގު ސަރަހައްދަކަށް ދެމިގެންދާ ކަމެއް ނޫނެވެ. އަދި ގިނަ ފަހަރަށް ވިދުން ދެމިގެން ދަނީވެސް ސިކުންތަކަށް ވުރެ ކުޑަ ހިނދު ކޮޅަކަށެވެ. 2020 ވަނަ އަހަރު، މިފަދަ އިތުރު ރެކޯޑެއްވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން އުރުގުއާއީއާއި އާޖެންޓީނާއިން ވަނީ 17.1 ސިކުންތައް ދެމިގެން ދިޔަ ވިދުމެއް ރެކޯޑް ކޮށްފައެވެ. މި ރެކޯޑް މީގެ ކުރިން އޮތީ 16.7 ސިކުންތައް ދެމިގެންދިޔަ ވިދުމެއްގައެވެ.

ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ (ޑަބްލިއުއެމްއޯ)ގެ، އާދަޔާ ހިލާފު މޫސުމީ ހަރަކާތްތަކާ ބެހޭ ރެޕަޗުއާ، ޕްރޮފެސާ ރެންޑާލް ސާވޭނީ ވިދާޅުވީ، މިފަދަ ކަންކަމަކީ އާދަޔާ ހިލާފު ކަންތައްތަކެއް ކަމަށެވެ.

ޑަބްލިއުއެމްއޯއިން ބުނާ ގޮތުގައި މި 2 ހާދިސާވެސް ރެކޯޑް ކުރެވިފައި ވަނީ، އާދަޔާ ހިލާފު ގަދަ ތޫފާންތައް އުފެދިގެންދާ ހިސާބުތަކުންނެވެ.

ގަދައަށް ވިދާ، ހޮނުއެޅުމަކީ މޫސުމީ ކާރިސާތަކަށް ވާ އިރު، ތޫފާނީ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުވުމަށްވެސް ޑަބްލިއުއެމްއޯގެ އޮފިޝަލު ވަނީ ގޮވާލައްވާފައެވެ.