2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ވަކިވަކި ފަރާތްތަކުން ހިންގާފައިވާ ޖިނާއީ ކުށްތައް ފާހަގަކޮށް، އެކުށްތައް ތަހުގީގު ކުރުމުގެ އަމުރެއް ނެރެ ދިނުމަށް ޕީޕީއެމްގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުން އެދިއްޖެއެވެ.

ޕީޕީއެމް ގެ ފަރާތުން އެގޮތަށް އެދުނީ ވަކިވަކި ފަރުދުން ހިންގާފައިވާ އެ މައްސަލަތަކަކީ ޖިނާއީ މައްސަލަތަކަށް ވާތީވެ އެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ގާނޫނުން ލިބިދެނީ ދިވެހި ފުލުހުންގެ ހިދުމަތަށް ކަމަށް ވެފައި އެފަރާތުން އެކަންކަން ތަހުގީގު ކުރުމުގައި ލަސްތަކެއް ހުރުމުން ނުވަތަ އެފަރާތަށް ހުށަހަޅާފައިވާ މައްސަލަތައް ބަލަމުން ދާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ ކަމަށް އެޕާޓީން ބުނެއެވެ.

ޕީޕީއެމްއިން ބުނީ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބާގުޅޭ 25 ކަމެއް ފާހަގަކޮށް އެމައްސަލަތައް ތަހުގީހު ކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުގައި މީގެ ހަފްތާއެއްގެ ކުރިން އެދިފައިވާ ކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެ މައްސަލަތައް ބެލުމުގައި އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާކަން ނޭނގޭ ކަމަށް ޕީޕީއެމްއިން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ޖިނާއީ ކަންކަން ހިންގާފައިވާ ކަމަށް ބުނެ އެކަންކަން ތަހްގީގު ކުރުމަށް ޕީޕީއެމް އިން ފުލުހުންނަށް ހުށައަޅާފައި ވާއިރު ރިޔާސީ އިންތިހާބުގައި މަކަރުތަކެއް ހަދާފައިވާ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިހާބު ބާތިލް ކޮށްދޭން އެދިވަޑައިގެން ސުޕްރީމް ކޯޓަށް ވެސް ކުރިން މައްސަލަ ހުށަހެޅުވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ރައީސް ޔާމިނާ ދެކޮޅަށް ނިންމީ އިންތިހާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ދެއްކިފައިނުވާ ކަމަށް ބުނެއެވެ.