އެސްޓީއޯއިން ފަށަން އުޅޭ ޑިޖިޓަލް ބޭންކުގެ ހިދުމަތަށް "އިވޯލްވް"ގެ ނަމުން ނަން ދީފިއެވެ.

އިވޯލްވްގެ ނަން އެސްޓީއޯއިން ފަށަން އުޅޭ ޑިޖިޓަލް ބޭންކަން އެ ކުންފުނިން ދިންކަން ހާމަކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައެވެ.

އަމްރު ވިދާޅުވީ، ޑިޖިޓަލް ބޭންކިންގެ ހިދުމަތަށް އެހެން ގައުމުތަކުންވެސް ވަންނަމުން ދާއިރު، އެސްޓީއޯއިންވެސް ރާއްޖެއަށް ޑިޖިޓަލް ބޭންކިންގެ ހިދުމަތް ތައާރަފް ކޮށްދިނުމަށް ބޭނުންވާ ކަމަށެވެ.

ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މަރުކަޒީ ބޭންކް އެމްއެމްއޭ އަށް ލައިސަންސް ހޯދުމަށް އެދި އެސްޓީއޯއިން ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުގައެވެ.

އެސްޓީއޯއިން ފަށަން އުޅޭ ޑިޖިޓަލް ބޭންކިންގް ހިދުމަތާއި ބެހޭ ގޮތުން އަމްރު މީގެ ކުރިން ވިދާޅުވީ، ޑިޖިޓަލް ބޭންކެއްގައި ހިދުމަތްތައް އަވަސް ކަމާއެކު ފޯރުކޮށްދެވޭނެ ކަމަށާއި، އެގޮތުން އެކައުންޓު ހުޅުވުމާ އެހެނިހެން މުއާމަލާތްތައްވެސް ތަނަކަށް ނުގޮސް އޮންލައިންކޮށް ކުރެވޭނެ ކަމަށެވެ.

އަދި ޑިޖިޓަލް ބޭންކިން ހިދުމަތް ބޭނުންކުރާއިރު ކާޑު ގެއްލުނު ކަމުގައި ވިޔަސް، އަމިއްލައަށް މެނޭޖް ކުރެވޭނެ ކަމަށާއި އަމިއްލައަށް އަލުން އެ ކާޑު އެކްޓިވޭޓް ކުރެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.