މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2180 އާ އެކު މިއަހަރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ 45،360 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 6403 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 3082 އެވެ. މިއަދު މާލެއިން 931 މީހުން ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 30 ޕަސެންޓަށް އަރާފައެވެ.

މިއަދުގެ ޖުމްލަ ޕޮޒިޓިވް ކޭސް: 2180

  • މާލެ ސަރަހައްދު: 931
  • އަތޮޅު ތެރެއިން: 811
  • ރިސޯޓްތަކުން: 63

މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 17،743 އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 141،060 އަށް އަރާފައެވެ. އަދި މި ވަގުތު 63 މީހަކަށް އަންނަނީ ކޮވިޑްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 277 އަށް އަރާފައެވެ.

2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

މިދިޔަ މަސް ފެށިގެން އައިރު 200 އިން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި ނަމަވެސް މިހާރު ކޭސްތައް އަންނަނީ 3000 އާ ގާތަށް ރިޕޯޓް ކުރަމުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 1000 އިން މަތިން ކޮވިޑް ކޭސްތައް ރިޕޯޓް ކުރާ އިރު ރަށްރަށުން އަންނަނީ 700 އިން މަތިން ކޭސްތައް ރިޕޯޓް ކުރަމުންނެވެ.