ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އަންނަ ހިޔާ ފްލެޓުތަކުގައި 24 ގަޑިއިރު ސެކިއުރިޓީ ގާޑުން ތިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާ ފްލެޓްތައް އަޅާފައިވާ 16 ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކާއި އެފަދަ ކަންކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެ ފްލެޓުތަކުގައި މިއަދު ފެށިގެން 24 ގަޑިއިރު ސެކިއުރިޓީ ގާޑުން ތިބެ ސެކިއުރިޓީ ބެލެހެއްޓޭނެ އިނންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މި ކަން ހަމަޖެއްސީ ހަތަރު ގްރޫޕަކަށް ހަވާލުކޮށްގެން ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާގެ ސަލާމަތީ ކަންކަން ބަލަން ފެށުމާ ގުޅިގެން އެޗްޑީސީން ބުނީ ސެކިއުރިޓީ ގާޑުން ހަރަކާތްތެރި ވާނީ ހިޔާގެ ބޭސްމަންޓާއި ޕާކިން އަދި ގްރައުންޑް ފްލޯތަކުގައި ކަމަށެވެ. އަދި ސީސީޓީވީ މެދުވެރިކޮށް ފްލެޓުތަކުގެ އެހެން ތަންތަން ވެސް ގަވާއިދުން ބަލަމުންދާނެ ކަމަށާއި އެތަންތަނުގައި ދިރިއުޅޭ މިހުންނާއި މެނޭޖްމަންޓުން ހުށަހަޅާ ސެކިއުރިޓީއާ ގުޅުން ހުރި މައްސަލަތައް އެފަރާތުން ބަލާނެ ކަމަށެވެ.

މީގެ އިތުރުން ހިޔާ ފްްލެޓް ހުންނަ ސަރަހައްދުން 4 ސަރަހައްދެއް ވަކިކޮށް އެތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް 4 ބަޔަކަށް ހަވާލުކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 އިން 12:00 އާ ހަމަޔަށް ޓަވަރުތައް ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި، ކޮންމެ ހަފްތާ އަކު އަދި މަހުން މަހަށް މުޅި ސަރަހައްދުގެ ފުރިހަމަ ސާފުކުރުމެއް ވެސް އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ޓަވަރުތަކުގައި ސަލާމަތީ ކަންކަން ނުބަލަހައްޓާ މައްސަލައާއި އެތަންތަން ސާފުކޮށް ނުބަލަހައްޓާ ކަމުގެ ޝަކުވާތައް އާންމުން އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު އެ ފްލެޓްތަކުގައި އާންމުން ދިރިއުޅެން ފެށި ފަހުން އިޖްތިމާއީ މައްސަލަތައް ގިނަވެ އެކަމުގެ ޝަކުވާތައް ވެސް އާންމުން އަންނަނީ ކުރަމުންނެވެ.

އެޗްޑީސީން އަންނަނީ ހިޔާ ފްކެޓްތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން މަސައްކަތް ކުރަމުންނެވެ.